މިދިޔަ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާ އިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރާން ދައުލަތުން ނިންމައިފި އެވެ.
”ލޫޓުވައިފި، ލޫޓުވައިފި“ގެ ނަމުގައި ބޭއްވި މުޒާހަރާއިން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރުން ކަމަށްވާ ޔާސިރު އަބްދުއްލަތީފާއި ޔައުގޫބު އަބްދުﷲ ގެ އިތުރުން މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހާއި އަލީ ޖުމާން އާއި އަޒްމީ އަލީ އަދި ހުސަން ޝާކިރެވެ. މި ހަ މީހުންގެ އިތުރުން މުހައްމަދު ހަލަފް އިބްރާހީމް ހައްޔަރުކުރި އެވެ.
ނަމަވެސް އެ މީހުން 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މައްސަލައިގައި ގާނޫނުލްއުގޫބާތުގެ ދަށުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެ އޮފީހަށް ހުށަހެޅި ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ބެލި އިރު، ތުހުމަތުކުރެވޭ އަމަލުތައް އެ މީހުން ހިންގާފައިވަނީ އަސާސީ ހަގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭތީ އާއި އެ މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ، އެ މީހުންގެ މައްޗަށް ދައުވާކުރުމުގެ މަސްލަހަތު އޮތް ކަމަށް އެ އޮފީހަށް ނުފެންނާތީ، މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އެ މުޒާހަރާގައި ބައިވެރިވި އިތުރު 10 މީހެއްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.



