ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ދުބާއީ އަދި ތައިލެންޑަށް އެއާ އެމްބިއުލަންސް ޚިދުމަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ ސަރުކާރުގެ ވައުދުގެ ދަށުން، ދުބާއީ އަދި ތައިލެންޑަށް އެއާ އެމްބިއުލަންސްގެ ދަތުރުތައް ފެށުމަށްޓަކައި، ޞިއްޙީ ވުޒާރާއާއި އައިލެންޑް އޭވިއޭޝަނާއި އެންސްޕާ އާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރުގެ ނައިބު އަޙްމަދު ހަމްދާން ނާސިރެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒެވެ. އަދި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހީނާ ވަލީދުއެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ހެލްތު މިނިސްޓްރީގެ ދަށުން މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސާވިސަސް އުފައްދާފައިވާ ކަމަށެވެ. މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި، ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރުން، ނަރުހުން، އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން، ކޯލް ސެންޓަރު މުވައްޒަފުން އަދި ޑްރައިވަރުން ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ޞިއްޙީ ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޞިއްޙީ ކުއްލި އެހީ ބޭނުންވާ 1840 ބަލިމީހުން، ފަރުވާ ދިނުމަށްޓަކައި މާލެ ސަރަހައްދަށް އެއާ އެމްބިއުލަންސްގައި ވަނީ ގެނެސްފައެވެ.

ރާއްޖެއިން ބޭރުން ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް މިހާރު ގިނައިން އާސަންދަ ދެމުން އަންނަނީ އަވަށްޓެރި އިންޑިއާއިންނެވެ. 

ގުޅުންހުރި ލިޔުންތައް