- Advertisement -spot_img

ޑިއުޓީ ބޮޑުކުރިފަހުން ވަގަށް އެތެރެކުރާ ސިނގިރޭޓްގެ އަދަދު އިތުރުވެއްޖެ: ނާޒިމް

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމި ފަހުން، ދައުލަތަށް ދައްކަން ޖެހޭ ޑިއުޓީ އަދާކޮށް، އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓުގެ އަދަދު ގިނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ސިނގިރޭޓްގެ ބޮޑެތި ވައްކަންތަކާއި ރާއްޖެ އަށް ވޭޕް އެތެރެކުރުން ނުހުއްޓި ކުރިއަށް ދާތީ، އެކަމުގައި ކަސްޓަމްސްގައި ހުރި މައްސަލަަތައް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ ތަހުގީގެއް ހިންގައިފައެވެ. އެ މައްސަލާގައި ރެކޮމަންޑޭޝަންތަކެއް ހިމަނައި އެކުލަވާލި ރިޕޯޓް މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި އެވެ.

އެ ރިޕޯޓް ހުށަހަޅުއްވައި ދެއްވަމުން އެ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ ދައުލަތަށް އާމްދަނީގެ ގޮތުގައި އިންޕޯޓް ޑިއުޓީގެ ގޮތުގައި ބޮޑު އަދަދެއް ކަނޑައަޅާފައިވީ ނަމަވެސް އެ އަދަދަށް ދައުލަތަށް ޑިއުޓީ ލިބެމުން ނުދާ ކަމަށެވެ.

 އޭގެ އެންމެ ބޮޑު ސަބަބަކީ ސިނގިރޭޓުން ލިބެންޖެހޭ އިންޕޯޓް ޑިއުޓީ ދައުލަތަށް ނުވަނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އަދަދު ނުލިބޭ މައިގަނޑު ސަބަބަކީ ސިނގިރޭޓްގެ ޑިއުޓީ އަށް ގެނެވުނު ބަދަލުކަމަށާއި އެ ބަދަލު ގެނައި ފަހުން ސިނގިރޭޓްގެ ކަންކަމަށް ވެގެން މިދިޔަ ގޮތުންނާއި އަދި ވޭޕް މަނާކުރި ފަހުން ވޭޕްގެ ކަންކަން ވެގެން މިދާ ގޮތުން މި ފެންނަނީ ކަންބޮޑުވާން ޖެހޭ ފަދަ މައްސަލައެއްކަމަށް މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް، ވޭޕް ސަރުކާރުން މަނާކުރި ވަރަށް ހެޔޮ ނިޔަތެއްގައި ކަމަށެވެ. އެކަމަކު، އެ ސިޔާސަތަށް ފަހު ރާއްޖެ އަށް ވަގަށް ސިނގިރޭޓް އެތެރެކުރުމާއި ވޭޕް އެތެރެކުރުން އިންތިހާއަށް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ކަސްޓަމްސް އަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ކޮމިޓީން އެކުލަވާލި ރިޕޯޓްގައިވާ ކަންކަން ތަންފީޒު ކުރުމުން ވަގަށް ސިނގިރޭޓް އެތެރެކުރުމާއި ވޭޕް އެތެރެކުރުން ހުއްޓުވޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް