- Advertisement -spot_img

ރަސްމާލޭން އަހަރަކު 1 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ: ޒަރީރު

މި ސަރުކާރުން ތަރައްގީކުރަމުން އަންނަ ރަސްމާލޭގައި، އަބޫދާބީގެ އީގަލް ހިލްސް ކުންފުނިން، ވޯޓާފްރޮންޓް އަދި މެރީނާއެއް ތަރައްގީކުރަން 20 ބިލިއަން ޑޮލަރުގެ މަޝްރޫއު ނިމިގެން އެ ތަނުން އަހަރަކު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ރޭ ވިދާޅުވެއްޖެއެވެ.

ދުބާއީ މޯލް އަދި ބުރުޖު ހަލީފާ ބިނާކުރި އިމާރު ޕްރޮޕަޓީސްގެ ވެރިޔާ މުހައްމަދު އަލްއައްބާރުގެ އީގަލް ހިލްސް ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް އެ ތަނުގައި މިއަދު ރަސްމިއްޔާތެއްގައި އަލްއައްބާރާއި، ދިވެހި ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ސޮއިކުރައްވާފައިވެއެވެ.

މިރޭ ދައުލަތުގެ މީޑިއާ ޕީއެސްއެމުން ކުރިއަށް ގެންދާ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާލީ ވަޒީރު ޒަރީރު ވިދާޅުވީ މި ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް އިންގިބާލީ ބަދަލުތަކެއް އަންނާނެ ކަމަށެވެ. މި އިންވެސްޓްމަންޓަކީ ވެސް ރާއްޖެގެ ޖުމުލަ ޖީޑީޕީ (ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް) ގެ ތިން ގުނަ ބޮޑު އަދަދެއްގެ އިންވެސްޓްމަންޓެއް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

”އީގަލްސް ހިލްސް އަކީ އިމާރުގެ ވެސް ފައުންޑަރުގެ ކުންފުންޏެއް. އެއީ ދުބާއީ މޯލް، ބްރިޖް ޚަލީފާ، މިފަދަ ބޮޑެތި އިންފްރާސްޓްރަކްޗާތައް ހަދާފައިވާ ކުންފުންޏެއް. ދުނިޔޭގެ 18އަށް ވުރެ ގިނަ ގައުމުގައި 45އަށްވުރެ ގިނަ މަޝްރޫއު ހިންގަމުން އެބަދޭ،“ މަޝްރޫއަށް އިންވެސްޓްކުރާ ކުންފުންޏާ ގުޅޭ ގޮތުން މާލީ ވަޒީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ތެރެއިން މި ގެނެވެނީ ދިގުދެމިގެންދާ ގޮތަށް ދިވެހި ސަރުކާރާއި އިގުތިސޯދަށް ފައިދާތަކެއް ލިބިގެންދާނެ މަޝްރޫއެކެވެ. މި ވަގުތު ރާއްޖެއަށް އެންމެ ގިނަވެގެން ވެސް ފަތުރުވެރިން ޒިޔާރަތްކުރަމުން އަންނަނީ ގާތްގަނޑަކަށް 2 މިލިއަން ފަތުރުވެރިންނަށް ވާއިރު މި ވަސީލަތުން އެކަނި އަހަރަކު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވަޒީރު އެ ކަން ފާހަގަކުރެއްވީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއް ގޮތުގައެވެ.

”ސްކޫލްތަކާއި ހޮސްޕިޓާތަކާއި ލަގްޒަރީ އިމާރާތްތަކާއި ކޮމާޝަލް އައުލެޓްތައް އަންނާނެ. އިންވެސްޓްމަންޓަކީ ދިގުދެމިގެންދާ ގޮތަށް ފައިދާތަކެއް ލިބިގެންދާނެ. އަހަރެއް ތެރޭގައި އެއް މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުންނަށް ހިދުމަތް ދެވިގެންދާނެ. ރާއްޖޭގެ ޓޫރިޒަމް ރިސޯސްތަކުން މި ވަގުތު ހިދުމަތް ދެވެމުން މި ދަނީ އަހަރަކަށް ގާތްގަނޑަށް ދެ މިލިއަން ޓޫރިސްޓުންނަށް،“ ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް