- Advertisement -spot_img

ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: ޒަރީރު

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީއަށް ނިސްބަތްވާ މަޝްހޫރު ޑިވެލޮޕަރ، އީގަލް ހިލްސްއިން ދިވެހި ސަރުކާރާއެކު 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްގީ ކުރަނީ އެ ކުންފުންޏަށް ރަސްމާލޭގެ ބިމުން ބައެއް ވިއްކާލައިގެން ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދޮގުކުރައްވައިފިއެވެ.

ޕީއެސްއެމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބިޔަ މަޝްރޫއު އަކީ ރަސްމާލޭ ބިމުން ބައެއް ވިއްކާލައިގެން ހިންގާ މަޝްރޫއުއެއް ކަމަށް ބުނެ ފަތުރަނީ ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގައި ހިންގާ އެހެނިހެން އިންވެސްޓްމަންޓް ފަދަ އިންވެސްޓްމަންޓެކެވެ. ތަފާތަކީ އިންވެސްޓްމަންޓްގެ ބިޔަ ކަމާއި މި އިންވެސްޓްމަންޓުން ގައުމާއި ރައްޔިތުން ލިބޭ މަންފާ އާއި ފައިދާ އެވެ. ރާއްޖެއަކީ ޓޫރިޒަމްގައި އެއް ނަންބަރުކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ އިންޑަސްޓްރީގައި ކުރެވިފައިވާ އިންވެސްޓްމަންޓްތަކަކީ 99 އަހަރަށް ބިން ކުއްޔަށް ދީގެން ހިންގަމުންދާ އިންވެސްޓްމަންޓެވެ.

އީގަލް ހިލްސްއާއެކު ވެވުނު އެއްބަސްވުމަކީ ވެސް އެފަދަ އެއްބަސްވުމެއް ކަމަށާ މި މަޝްރޫއުގެ މިލްކުވެރިކަން އޮންނާނީ ދިވެހިރާއްޖެ އަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އީގަލް ހިލްސްއިން މަޢުލޫމާތު ދޭ ގޮތުގައި އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ތެރޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތައް، ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތައް، ދުނިޔޭގެ ފެންވަރުގެ މެރީނާއެއް، ވޯޓާފްރަންޓް ޕްރޮމެނާޑްތައް، ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ އިތުރުން ވެލްނަސް ސެންޓަރުތައް ހިމެނެއެވެ.

އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ގިނަގުނަ އިޤްތިޞާދީ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ

މަޝްރޫޢުގެ ދައުރުގެ ތެރޭގައި ޖުމްލަ 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ލިބޭނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ތެރެއިން 18 ބިލިއަން ޑޮލަރަކީ ސީދާ ރާއްޖެއަށް ލިބޭނެ ނެޓް އިންވެސްޓްމަންޓެވެ.

54،000 އަށް ވުރެ ގިނަ ސީދާ އަދި ނުސީދާ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް