ހުކުރު, ނޮވެމްބަރ 7, 2025
spot_img
- Advertisement -spot_img

އަހަރެއްހާ ދުވަސްތެރޭ ސަރުކާރުން ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަނީ

އަހަރެއްހާ ދުވަސް ތެރޭގައި ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސަގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަމީން ވިދާޅުވީ ހެލިކަޕްޓަރުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން މިދިޔަ އަހަރު ހުޅުވާލި ކަމަށެވެ. އަދި ބޭރުގެ ކުންފުނިތަކަށް ފޮނުވި އާރްއެފްޕީގައި ހިމަނާފައި ހުރި ބައެއް ކަންކަމާ މެދު އެ ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެކަމާ ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރަންޖެހުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހެލިކަޕްޓަރުގެ ހިދުމަތްދޭ ދުނިިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން 36 ކުންފުނިން ރާއްޖެއިން ފޮނުވި އާރްއެފްޕީއަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އެ ކުންފުނިތަކުގެ ކަންބޮޑުވުމަކީ އެ ޚިދުމަތުން ދައުލަތަށް ލިބޭ މަންފާ ބޮޑުވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އާރްއެފްޕީ އަޅުގަނޑުމެންނަށް ޖެހުނީ އެންމެ ފަރާތަކާ އެކުގައި ކުރިއަށް ދިޔުމުގެ ބަދަލުގައި ހުއްޓާލުމަކަށް ގެންނަން، އެއީ ހުރިހާ ފަރާތްތަކަކުން ވެސް އަޅުގަނޑުމެންނަށް އިރުޝާދު ދެއްވީ އަޅުގަނޑުމެން ދައުލަތަށް ކުރިން މި ދެންނެވި ސާޗް އެންޑް ރެސްކިއު އާއި މެޑިކަލް އިވެކުއޭޝަންސްއާ ހިލޭ އެހީގެ ގޮތުގައި ނަގާބައި ބޮޑީކަމަށް، ވުމާއެކު އެ ފުރަތަމަ އާރްއެފްޕީ ޕްރޮސެސް އެއޮތީ ހުއްޓިފައި،“ އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އެ ކުންފުނިތަކުން ފާހަގަކުރި ކަންކަން އިސްލާހު ކުރުމަށްފަހު މި އަހަރުގެ ފަހުކޮޅު އަލުން އާރްއެފްޕީއެއް ހުޅުވާލާނެ ކަމަށެވެ.

”އިރާދަކުރެއްވިއްޔާމުން މި އަހަރުގެ ފަހުކޮޅުގައި ޑިސެމްބަރު މަހުގެ ކުރިން އަޅުގަނޑުމެން އަލުން ހުޅުވާލައިގެން އަހަރެއްހާ ދުވަސްތެރޭގައި މިކަންތައް ކުރެވޭނެކަމުގެ ޔަގީންކަން އަޅުގަނޑަށް ވަރަށް ބޮޑަށް އެބައޮތް،“ އަމީން ވިދާޅުވިއެވެ.

ހެލިކޮޕްޓަރުގެ ޚިދުމަތް ރާއްޖޭގައި ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު އަމާޒެކެވެ.

ގުޅުންހުރި ލިޔުންތައް