ކަނޑޫދޫ މިރުހުން ފުލުހުންނަށް ހަމަލާދޭނެ ކަމަށް ބުނެ އިންޒާރުދިނުމުން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ ފޯނު ފުލުހުން ހިފަހައްޓައިފިއެވެ.
ކޯޓް އަމުރެއްގެ ދަށުން ޒާޔާގެ ފޯނު ހިފެހެއްޓީ މިއަދުއެވެ.
ޒާޔާގެ ފޭސްބުކު ޕޯސްޓުގައި ލިޔެފައިވަނީ ”17 ނޮވެންބަރަށް ތައްޔާރު ވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔަަރުކުރަން ފަށައިފިން. ހަމަ ޖެހީ ޖެހީ“ މިފަދައިންނެވެ. އަދި ފުލުހުންގެ ފޭސްބުކް ޕޭޖު ޓެގުކޮށްފައިވެއެވެ.
ޒާޔާ އަކީ އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ)ގެ އަންހެނުންނެވެ.
ފުލުހުންގެ ފޮޓޯ އާންމުކޮށް ފުލުހުންނަށް އެކި އިންޒާރުތައް ދިނުން އާންމުވަމުން އަންނާތީ އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.