އޮސްޓްރޭލިއާގެ މެލްބަން އާއި މާލެއާ ދެމެދު ބާއްވާ ސީދާ ދަތުރުތައް 2027 ވަނަ އަހަރު މުޅި އަހަރަށް ބަދަލުކޮށް، މެދުކެނޑުމެއްނެތި ދަތުރުތައް ކުރިއަށް ގެންދަން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ލަކްޝަރީ އެސްކޭޕްސް އަދި ގައުމީ އެއާލައިން، މޯލްޑިވިއަން ގުޅިގެންނެވެ.
މި ދަތުރުތަކަކީ އޮސްޓްރޭލިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް ބޮޑު ތަރުހީބާ ގުޅިގެން ފުޅާކުރަން ނިންމި ދަތުރުތަކެކެވެ. މެއި 2026 ގައި ފެށި މި ސާވިސްއަކީ އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ގަވާއިދުން ދަތުރުކުރާ ހަމައެކަނި ސީދާ ވައިގެ ގުޅުމެވެ. މި ދަތުރުތަކުގެ ސަބަބުން މެލްބަން އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ސީދާ ދަތުރުތަކުން ގުޅުވައިދެ އެވެ.
މި ނިންމުމަށް މަރުހަބާ ދަންނަވަމުން މެލްބަން އެއާޕޯޓުގެ ސީއީއޯ ލޯރީ އާގަސް ވިދާޅުވީ، މެލްބަން އިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކަށް އޮސްޓްރޭލިއާގެ ދަތުރުވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އަދި ލަކްޝަރީ އެސްކޭޕްސް އާއި މޯލްޑިވިއަން ގުޅިގެން މި ދަތުރުތައް މުޅި އަހަރަށް ދިގުދައްމާލަން ނިންމުމުން އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ދަތުރުތައް ސީޒަނަލް އޮޕަރޭޝަނަކުން މުޅި އަހަރުގެ ދަތުރުތަކަކަށް ބަދަލުކުރުމުން، 2027 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރަން ބޭނުންވާ އޮސްޓްރޭލިއާގެ ފަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބި، ދެ މަންޒިލްގެ ދެމެދުގައި އޮތް ވައިގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ އެވެ.



