- Advertisement -spot_img

މޯލްޑިވިއަން އިން ”ކިންގް އެއާ 360“ މަރުކާގެ މަތިންދާބޯޓެއް ރާއްޖެއަށް ގެނެސްފި

މޯލްޑިވިއަން އިން ”ކިންގް އެއާ 360“ މަރުކާގެ މަތިންދާބޯޓެއް ރާއްޖެއަށް ގެނެސްފިއެވެ.

 އައިލެންޑް އޭވިއޭޝަން ސަރވިސަސް އިން ބުނީ މިއީ 8 ފަސިންޖަރުންގެ ޖާގަ ހިމެނޭ މަތިންދާބޯޓެއް ކަމަށާއި މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ”ނިލާ ކޮރަލް އައިލެންޑް“ އަށް ޚާއްޞަ އެއަރ ޓްރާންސްފާ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޚާއްޞަ ޗާޓަރު ދަތުރުތައް ކުރުމަށް ވެސް މި ބޯޓު ބޭނުން ކުރުުމަށް ނިންމާފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.

މި ބޯޓު ރާއްޖެ ގެނައުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޢަލީ ސަލީމް ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ މަތީ ފަންތީގެ ފަތުރުވެރިން ރޭގަނޑުގެ ވަގުތުތަކުގައިވެސް އެމީހުން ބޭނުންވާ މަންޒިލްތަކަށް ދަތުރުކުރުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ. އަދި އަލަށް ގެނައި މި ބޯޓަކީ ފަތުރުވެރިން އެދޭ ކޮންމެ ގަޑިއެއްގައިވެސް ފަސޭހަކަމާއެކު ދަތުރުކުރުމަށް ވަރަށް އެކަށީގެންވާ ރަނގަޅު އުޅަނދެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ”ކިންގް އެއަރ 360“ ބޯޓުގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަންގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ފުރުޞަތު ހުޅުވާލެވި، ޚިދުމަތަށް އެދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

މިއީ ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްގެ ގޮތުގައި މޯލްޑިވިއަން އިން ސިފަކުރެއެވެ.

ގުޅުންހުރި ލިޔުންތައް