ހުޅުމާލޭ ފޭސް އެކެއްގައި 10 ފަންގިފިލާއަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިމާރާތްކޮށްފައިވާ އެމްޓީޑީސީގެ އާ އޮފީސް ރޭ ހުޅުވައިފިއެވެ.
ރޭ ހުޅުވި ”އެމްޓީޑީސީ އޮފީސް ކޮމްޕްލެކްސް“ އަކީ 6,194 އަކަފޫޓުގެ ބިމެއްގައި ގާއިމްކޮށްފައިވާ 10 ފަންގިފިލާގެ އިމާރާތެކެވެ. ބޭސްމަންޓް ޕާކިންއެއްގެ އިތުރުން ތިން ލިފްޓާއި ކޮންވެންޝަން ހޯލެއް ހިމެނޭ އެ އިމާރާތުގެ ބޭރު ފަރުމާކޮށްފައި ވަނީ އެއްކޮޅުން އަނެއްކޮޅަށް ބިއްލޫރި ޖަހައިގެންނެވެ.
އެ އިމާރާތް ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އިމާރާތް ހުޅުވައިދެއްވީ ފަތުރުވެރިކަމުގެ ވަޒީރު މުހައްމަދު އަމީނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު ހާރިސް މުޙައްމަދު ވިދާޅުވީ ރޭ ހުޅުވިގެންދިޔަ ޓަވަރާއެކު އެ ކުންފުންޏަށް ދާއިމީކޮށް އާމްދަނީ ލިބޭނެ ތިންވަނަ ބިނާއެއް އުފެދުނީ ކަމަށެވެ. އަދި އެ ކުންފުނިން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ ކުންފުންޏަށް ދާއިމީކޮށް އާމްދަނީ ލިބޭނެ އަދި ހަރުމުދާ ލިބޭނެ ވަސީލަތްތައް ބިނާކުރުމަށް ކަމަށް ވިދާޅުވި އެވެ.
މި އޮފީސް އިމާރާތްކޮށްފައިވަނީ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ންނެވެ. އެޗްޑީސީއަށް އެ މަސައްކަތް ހަވާލުކުރީ 30 މެއި 2022ގަ އެވެ. 8 ފެބްރުއަރީ 2023ގައި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވިއެވެ. މި މަސައްކަތް ނިންމައިލެވުނީ 3 އަަހަރާއި 9 މަހެއްހާ ދުވަހުންނެވެ.



