ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޯ ބޭންކިންގ ނިޒާމު ފިނަސްޓްރާގެ އެހީގައި ޒަމާނީ ކުރުމަށް ނިންމައިފިއެވެ.
މާލީ ދާއިރާގެ ސޮފްޓްވެއަރ އުފެއްދުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ފިނަސްޓްރާއިން މިއަދު އިއުލާންކުރި ގޮތުގައި، ބީއެމްއެލްގެ ކޯބޭންކިންގ ނިޒާމު ޒަމާނީ ކުރުމަށާއި ބޭންކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އިތުރަށް ފުޅާކުރުމަށްޓަކައި ’ފިނަސްޓްރާ އެސެންސް‘ ޕްލެޓްފޯމް ވަނީ ހޮވައިފަ އެވެ. މި އެއްބަސްވުމުގެ ސަބަބުން އައު އީޖާދީ އުފެއްދުންތައް ބާޒާރަށް ނެރުން އަވަސްވެ، ބޭންކުގެ މަސައްކަތްތައް ހަރުދަނާވުމުގެ އިތުރުން، ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ފިނަސްޓްރާ އެސެންސް ގާއިމުކުރުމުން ބީއެމްއެލްއަށް ލިބިގެންދާނެ މުހިންމު ކުރިއެރުންތަކުގެ ތެރޭގައި، އައު އުފެއްދުންތަކާއި ޚިދުމަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމާއި، އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް ތަރުތީބުކޮށް، މެދުކެނޑުމެއް ނެތި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމާއި، ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް އީޖާދީ ޚިދުމަތްތައް ދިނުމަށް ރިލޭޝަންޝިޕް މެނޭޖަރުންނަށް މަގުފަހިވާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެ އެވެ. މީގެއިތުރުން ބޭންކުން ފޯރުކޮށްދެމުންދާ ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގެ އެކި އުފެއްދުންތަކާއި ހިދުމަތްތައް، މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދެވޭނެ ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ މެދުކެނޑުމެއްނެތި އައު އީޖާދުތައް ތައާރަފުކުރުމާއި، ހިދުމަތްދޭ ކަސްޓަމަރުންނާއި މުޖުތަމައުތަކަށް ދެމެހެއްޓެނިވި މަންފާއާއި ކުރިއެރުން ހޯދައިދިނުން ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފިނަސްޓްރާގެ ޔުނިވަރސަލް ބޭންކިންގެ އީ.ވީ.ޕީ ޝަވާން ބައިރަން ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ މުހިންމު އެއް ތަނބު ކަމަށާއި، އެ ބޭންކުގެ ހިދުމަތްތައް ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ބީއެމްއެލް އިން ފިނާސްޓްރާ އެސެންސް އިޚްތިޔާރު ކުރުމުން ހާމަވަނީ، ކޯ ބޭންކިންގ ޕްލެޓްފޯމުގެ ވަރުގަދަކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ފިނަސްޓްރާ އެސެންސް އިހުތިޔާރުކުރީ އެ ޕްލެޓްފޯމުގައި ހިމެނޭ ފުރިހަމަ ޚިދުމަތްތަކާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި، ޕްލެޓްފޯމުގެ ފްލެކްސިބިލިޓީގެ ސަބަބުން ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ. މީގެއިތުރުން ފިނަސްޓްރާގެ މަސައްކަތްތަކުގެ ފެންވަރާއި، ބާޒާރުގައި އެ ކުންފުންޏަށް އޮތް އިތުބާރާއި، މި ޕްރޮޖެކްޓް ވަޒަންކުރުމުގެ މަރުހަލާގައި އެ ކުންފުނިން ދެއްކި ޕާފޯމަންސްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.



