އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

އެމްޑަބްލިޔުއެސްސީ އިން ހުޅުމާލޭގައި ހެދި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާންގީ ބޭނުންކުރަން ފަށައިފި

މާލޭ ސަރަހައްދުގެ ފެނުގެ ހިދުމަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި 10,000 ޓަނުގެ ފެން ރައްކާކުރެވޭ ތާންގީއެއްގެ އަމަލީ މަސައްކަތް ނިންމައި، ތާންގީ ބޭނުންކުރަން ފަށައިފިއެވެ.

އެމްޑަބްލިޔުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ތާންގީ ބޭނުންކުރަން ފެށުން އިފްތިތާހުކޮށްދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު، އަބްދުލް މަތީން މުހައްމަދެވެ. އެ ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ ޗެއާޕާރސަނާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި، ސީނިއާ މެނޭޖްމަންޓާއި މުވައްޒަފުން ވެސް ބައިވެރިވިއެވެ.

އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންގެ ހުނަރާއި މަސައްކަތްތެރިކަމުގެ ތެރެއިން ގާއިމުކުރެވުނު މި ތާންގީއަކީ، މިހާތަނަށް ރާއްޖޭގައި ބެހެއްޓުނު އެންމެ ބޮޑު ފެން ތާންގީއެވެ. 24 މީޓަރު އުސް އެ ތާންގީގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ ތާންގީ ބޭނުންކުރަން ފެށުމާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22,600 ޓަނަށް އިތުރުވެފައިވާ ކަމަށާއި މިއީ ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރަށް އައި 79 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. އަދި އެ ތާންގީ ބޭނުންކުރަން ފެށުމާއެކު މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރެވޭ ޖުމުލަ މިންވަރު 36,000 ޓަނުން 46,000 ޓަނަށް އިތުރުވެފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ސިނަމާލެ ބްރިޖުމަތިން އަޅާފައިވާ ހޮޅި މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ މިއަހަރުގެ ފެބްރުއަރީ މަހު ވަގުތީ ގޮތުން ގުޅާލެވިފައިވުމާއެކު، އެ ތާންގީގެ ސަބަބުން މާލޭގެ ފެނުގެ ހިދުމަތަށްވެސް އިތުރު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް