- Advertisement -spot_img

އީގަލް ހިލްސްގެ ވެރިޔާ އަލްޢައްބާރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ރަސްމާލޭގައި ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް ތައްޔާރުވާ އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލްޢައްބާރު ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލްޢައްބާރު ރާއްޖެ ވަޑައިގަންނަވާނީ މާދަމާ ހެނދުނުއެވެ. އަދި މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ފުރާވަޑައިގަންނަވާނީ ހުކުރު ދުވަހުއެވެ.

އަލްޢައްބާރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަޝްހޫރު ބައެއް މީޑިއާތަކާ ބައްދަލުކޮށް ޚާއްސަ އިންޓަވިއުތަކެއް ދެއްވުމާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މީގެއިތުރުން، މީޑިއާތަކަށާއި ވިޔަފާރިވެރިންނަށް މާދަމާ މެންދުރު ޚާއްސަ ފަރިއްކޮޅެއް ވެސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ 168 ބުރީގެ މަޝްހޫރު ބުރްޖް ޚަލީފާއާއި ދުބާއީ މޯލް ފަދަ ބިޔަ އަދި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މަޝްރޫޢުތައް ހިންގާ އިމާރް ކުންފުނީގެ އަދި އީގަލް ހިލްސްގެ ވެރިޔާ އަލްޢައްބާރަކީ ޔޫއޭއީއާއި ދުނިޔޭގެ ފެންވަރުގައި ވަރަށް ކާމިޔާބު، ގިނަ ބަޔަކު އިހްތިރާމް ކުރާ ވިޔަފާރިވެރިއެކެވެ.

އީގަލްސް ހިލްސް އާއި އިމާރް ކުންފުނީގެ މަޝްރޫއުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެންނަން އެބަހުއްޓެވެ. އީގަލް ހިލްސްއަކީ 18 އަށް ވުރެ ގިނަ ޤައުމުގައި އިންވެސްޓް ކޮށްފައިވާ އަދި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް އަމިއްލަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ. އެ ކުންފުނިން ތަފާތު އެކި މިކްސްޑް-ޔޫސް އަދި ލައިފްސްޓައިލް މަންޒިލްތައް ތަރައްޤީ ކުރަނީ އެންމެ މަތީ ފެންވަރަށް އިސްކަންދީގެންނެވެ.

ރަސްމާލޭގައި މެރީނާއެއް ތަރައްޤީކޮށް ހިންގަން އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި މިދިޔަ ސެޕްޓެމްބަރު 21 ގައި ވަނީ ސޮއިކޮށްފައެވެ.

ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމާއި ވޯޓަރ ފްރަންޓް އަދި މެރީނާ މަޝްރޫއެއްގެ ގޮތުގައި ފަރުމާ ކޮށްފައިވާ މި މަޝްރޫޢުގައި، ބައިނަލްއަޤުވާމީ ފެންވަރުގެ ޚިދުމަތްތަކާއި މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި ޒަމާނީ މެރީނާއެއްގެ އިތުރުން ވޯޓަފްރަންޓް މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނެއެވެ.

މީގެއިތުރުން ވިޔަފާރިއާއި ކެއިންބުއިމާއި ދުޅަހެޔޮކަމާއި ތަޢުލީމާއި ޞިއްޙީ ޚިދުމަތް އަދި އިޖުތިމާޢީ އެންމެހައި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެއެވެ. މި މަޝްރޫއު ހިންގަނީ ރަސްމާލޭން މިހާރު ހިއްކާފައިވާ 500 ހެކްޓަރުގެ ސަރަހައްދުގައެވެ. އަދި ރަސްމާލޭގެ ބާކީ އޮތް 600 ހެކްޓަރު ޚާއްސަ ކުރާނީ ގޯއްޗާއި ފްލެޓާއި އަސާސީ ޚިދުމަތްތައް ގާއިމު ކުރުމަށެވެ.

މި މަޝްރޫއު ހިންގަން ލިބުމަކީ އޭނާގެ ކުންފުންޏަށް ލިބުނު ފަޚުރެއް ކަމަށާއި ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ އުންމީދާ އެއްގޮތަށް މަސައްކަތް ކުރާނެ މަޝްރޫއެއް ކަމަށް އަލްޢައްބާރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ތާރީޚުގައި ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ރަސްމާލެ މަޝްރޫޢާއެކު، ދިވެހި ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހަދިޔާއެއްގެ ގޮތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވީ އެ މަޝްރޫއު ފެށުމުގެ ކުރިން އީގަލް ހިލްސް އިން ހުޅުމާލޭގައި އަޅާ 5،000 ފްލެޓްގެ މަސައްކަތް ފަށާނެ ކަމަށެވެ.

ރަސްމާލޭގައި އީގަލް ހިލްސް އިން 8،800 އަށް ވުރެ ގިނަ ޕްރޮޕަޓީ އަޅާއިރު، އެއިން ކޮންމެ ތަނެއްގެ ލީސް ރައިޓްސް ވިއްކާލައި ވިޔަފާރިން ލިބޭ އާމްދަނީގެ %10 ދައުލަތަށް ދައްކަން ޖެހޭނެއެވެ.

ރަސްމާލެ ބޭރު ބަޔަކަށް ވިއްކާލާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމަށް ރައްދުދެއްވަމުން، އިޤްތިޞާދީ ވަޒީރު ސައީދު ވިދާޅުވެފައި ވަނީ އިދިކޮޅުން ދައްކަނީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ސިޔާސީ ގޮތުން ދައްކާ ވާހަކަތަކެއް ކަމަށާއި، މި މަޝްރޫޢު ކާމިޔާބުވުމަކީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ކުރިމަގަށް އެޅޭނެ ބޮޑު ހިޔަންޏެއް ކަމަށެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖޭގެ ބިންތައް ފަތުރުވެރިކަމަށް ދިގު މުއްދަތަކަށް ދޫކުރުމަކީ އަލަށް ކުރާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، 2013 އިން 2018 އަށް އޮތް ވެރިކަމުގައިވެސް 1 ބިލިޔަން ޑޮލަރު އިންވެސްޓްކޮށްގެން ހިއްކާ ބިމުގެ %30 ފްރީހޯލްޑް އުސޫލުން ދޫކުރަމުންދިޔަ ކަމަށެވެ. އަދި 2018 ގައި އައި ސަރުކާރުން ޤާނޫނަށް އިޞްލާޙް ގެނެސް، 99 އަހަރަށް ބިން ކުއްޔަށް ދެވޭގޮތް ހަމަޖެއްސި ކަމަށާއި، އެ އުސޫލުގެ ދަށުން މިހާރުވެސް އޮޕަރޭޓްކުރާ ރިސޯޓުތައް ހިމެނޭހެން 54 ރިސޯޓެއް 99 އަހަރަށް ދޫކޮށްފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.

ގުޅުންހުރި ލިޔުންތައް