ރަސްމާލެ މަޝްރޫޢުގައި ހިމެނޭ އީގަލް ހިލްސްގެ އިންވެސްޓްމަންޓުން ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީ، މިހާރު މުޅި ފަތުރުވެރިކަމުގެ ސިނާޢަތުން ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީއަށްވުރެ އިތުރުވާނެކަމަށް ފިސްކަލް އަންދާޒާތަކުން ދައްކާކަމަށް، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ މަންސަ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ އިޤުތިޞާދީ އަމާޒަކީ މީގެ ކުރިން ރާއްޖޭގައި ޤާއިމުކުރެވިފައިނުވާފަދަ ބޮޑު މަޝްރޫޢެއް ކަމަށެވެ. އަދި އީގަލް ހިލްސްގެ އިންވެސްޓްމަންޓުން ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީއަކީ ރާއްޖޭގައި ހިންގާ ސަތޭކަ ހަތްދިހަ ނުވަ ރިސޯޓާއި، ސޯޅަ ހޮޓަލާއި، ނުވަސަތޭކަ ވިހި ގެސްޓްހައުސްގެ އިތުރުން ސަތޭކަ ފަސްދޮޅަސް ފަސް ސަފާރީ އުޅަނދު އެކުވެގެން ލިބޭ އާމްދަނީއަށްވުރެ ބޮޑު އަދަދެއްކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި އީގަލް ހިލްސްއިން ރަސްމާލޭގައި ތަރައްޤީކުރާ ”މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ“ އަކީ ބާރަ ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓެކެވެ. މި މަޝްރޫޢުގެ ދަށުން ރަސްމާލޭގައި ބައިނަލްއަޤުވާމީ ފެންވަރުގެ ހޮޓާތަކާއި، މަތީ ފެންވަރުގެ ރެސިޑެންސްތަކާއި، މެރީނާއެއްގެ އިތުރުން ވިޔަފާރިއާއި މުނިފޫހިފިލުވުމުގެ ގިނަ ވަސީލަތްތަކެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ފަންސާސް ހަތަރުހާހަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ. ރަސްމާލެއަކީ މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމުގެ ގޮތުން ފުށިދިއްގަރު ފަޅު ހިއްކައިގެން ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.



