- Advertisement -spot_img

އިގްތިސާދީ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ބޭރު ފައިސާއާ ގުޅިގެން ސަރުކާރުން އަޅަމުންދާ އިގްތިސާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބިއޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި އެންމެންގެ އެއްބާރުލުން ލިބޭނަމަ މި ކަންކަން ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރުން މަޖުބޫރުކުރުމާއި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި މުއާމަލާތްކުރުން ހުއްޓުވުން ހިމެނެއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މިއީ ކުއްލިއަކަށް އަޅާ ފިޔަވަޅުތަކެއް ނޫން ކަމަށާއި، މި ކަންކަން ކުރެވެނީ ދިގު މުއްދަތުގެ މަޝްވަރާއާއި ޓެކްނިކަލް ދިރާސާތަކަށް ފަހު، ”ފެކްޓް ބޭސް“ ކޮށްގެންނެވެ.

އިގްތިސާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާ މެދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑޮލަރުގެ ކަޅު ބާޒާރަކީ އިއްޔެއަކު މިއަދަކު އުފެދުނު އެއްޗެއް ނޫން ކަމަށާއި، ދަރަނިތައް ދައްކަމުން އިގްތިސާދު ހަމައަކަށް އަޅުވަން ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 1.3 ބިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުން ފައިސާ ފޮނުވުމާއި ބޭރު ފައިސާ ބޭނުންކުރުމުގައި ހުރި އާދަތަކަށް ބަދަލުގަންނުވަން ވަގުތު ނަގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ތަރުތީބުން އަޅަމުންދާ ފިޔަވަޅުތަކާއެކު ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބި، ސިޔާސީ ގޮތުން އެކި ވާހަކަތައް ދެކެވުނު ނަމަވެސް އެންމެންގެ ބައިވެރިވުމާއެކު ނަތީޖާ ރަނގަޅުވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް