- Advertisement -spot_img

65 އަހަރުވުމުން ރިޓަޔާކުރަންޖެހޭ އުސޫލަށް ހައްލެއް ގެނެސްދީފިން: ރައީސް

ވަޒީފާގައި ދެމިތިބެން ބޭނުންވާ ފަރާތްތަކަށް 65 އަހަރުވުމުން މަޖުބޫރުން ރިޓަޔާކުރަންޖެހޭ އޮތް އޮތުމަށް ސަރުކާރުން ހައްލެއް ހޯދައިދީފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީއެސްއެމް އިން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، ސީދާ ވަޒީފާ ބޭނުންވާ ބޭފުޅުން 65 އަހަރުވުމުން ރިޓަޔާކުރަންޖެހޭ މައްސަލައަށް މިހާރު ވަނީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ދާއިމީ ހައްލެއް ގެނެސްދެވިފައެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، އަލަށް ތައާރަފްކުރެވުނު ”ރީ-އެމްޕްލޯއިމަންޓް“ ގާނޫނުގެ ތެރެއިން މިހާރު ވަނީ ވަކި އިޖުރާތްތަކެއް ކަނޑައެޅިފައެވެ. މި އާ އުސޫލުގެ ދަށުން، 65 އަހަރާއި 75 އަހަރާ ދެމެދުގެ އުމުރުފުރާގެ ބޭފުޅުންނަށް ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.

”ސީދާ ވަޒީފާ ބޭނުންވާ ބޭފުޅުން 65 އަހަރުވީމާ ރިޓަޔާ ކުރަން މިއޮންނަ އޮތުމަށް އަޅުގަނޑުމެން މިވަނީ ހައްލެއް ގެނެސްދީފައި. ގާނޫނެއް މިއޮތީ ތައާރަފްކޮށްދީފައި. ރީ-އެމްޕްލޯއިމަންޓް ގާނޫނުގެ ތެރެއިން މިހާރު ވަކި އިޖުރާތްތަކެއްގެ ތެރެއިން 65 އަހަރުން ގޮސް 75 އަހަރާ ދޭތެރެއަށް، އެ އުމުރުގެ ތެރޭގައި ތިއްބެވި ބޭފުޅުންނަށް މިހާރު އެބަލިބޭ ފުރުސަތު ވަޒީފާގައި ދެމިހުންނަން،“ ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މިއީ ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުން އެދެމުންދިޔަ ކަމެއް ކަމަށާއި، އިރާދަކުރެއްވިއްޔާ އެކަން މިހާރު ވަނީ އެއްކޮށް ހައްލުކޮށްދެވިފައި ކަމަށެވެ. މީގެ ސަބަބުން ތަޖުރިބާކާރު ބޭފުޅުންގެ ހިދުމަތް ގައުމަށް ދިގު މުއްދަތަކަށް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބަދަލާއެކު، އުމުރުން ދުވަސްވީ ނަމަވެސް މަސައްކަތް ކުރުމުގެ ގާބިލްކަން ހުރި ފަރާތްތަކަށް އަމިއްލަ ފައިމައްޗަށް ތެދުވެ، އިގްތިސާދީ ގޮތުން ބާރުވެރިވުމުގެ ފުރުސަތު އިތުރަށް ފުޅާވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް