ޒިންމާދާރު ނޫސްވެރިކަމަކީ އެންމެ އަވަހަށް ޚަބަރެއް ފޯރުކޮށްދިނުމުގެ ވިސްނުމުގައި ”ބްރޭކިންގް ނިއުސް“ އެއް ތައްޔާރުކުރާއިރުވެސް، މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުން ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ 9 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ޓީވީއެމްގައި ބޭއްވި އެވޯޑް ޝޯ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރުގެ ވާހަކަފުޅުގައި، ޕީއެސްއެމް ނިއުސް ޓީމަކީ ތަޢުލީމީ އަދި ފަންނުވެރި ބައެއްކަން ފާހަގަކުރައްވައި، ދައުލަތުގެ މީޑިއާގައި މަސައްކަތްކުރާއިރު ނޫސްވެރިކަމުގެ ހަރުދަނާ ސިފަތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ދިވެހިބަސް ކުރިއަރުވައި، ކުޑަކުދިން މި ދާއިރާއަށް ޝައުގުވެރިކުރުވުމަށް މަސައްކަތް ކުރުމަށްވެސް އެދިވަޑައިގަތެވެ.
ޕީއެސްއެމްގައި 17 އަހަރު ޚިދުމަތް ކުރައްވާފައިވާ ވަޒީރު ހީނާ ވަލީދުގެ ފަރާތުން ލިބުނު އެހީތެރިކަމަށްޓަކައި، އެ ޗެނަލްގެ ޑެޕިއުޓީ ޑިރެކްޓަރ އަޙުމަދު ޖަދުވާން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ، ޓީވީއެމްގެ ނިއުސް ޓީމަކީ ރާއްޖޭގައި އޮތް އެންމެ ތަޖުރިބާކާރު ޓީމު ކަމަށެވެ. އަދި މި ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި، އާންމުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް އަންނަ އަހަރު ފަރުމާކުރައްވާނެކަން ޝަކީބު އިޢުލާންކުރެއްވިއެވެ.
މިދިޔަ އަހަރު ޕީއެސްއެމް ނިއުސްއަށް އެވްރެޖްކޮށް 2 މިލިއަން ވިއުސް ލިބިފައިވާއިރު، ”މިނިވަން ދިވެހިރާއްޖެ“ ޑޮކިއުމަންޓްރީ ވަނީ އެންމެ މޮޅު ޑޮކިއުމަންޓްރީގެ އެވޯޑް ހޯދާފައެވެ. މިރޭގެ ހަފުލާގައި ތަފާތު 19 ދާއިރާއަކުން އެވޯޑް ދެވުނުއިރު، ހުރިހާ ގޮތަކުން އެންމެ ފާހަގަކޮށްލެވޭ މުވައްޒަފަކަށް ހޮވުނީ ހަފީޒާ އަބްދުއްސައްތާރެވެ.



