އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހުކުރު ދުވަހު އެގްޒެކެޓިވް އަމުރެއްގައި ސޮއިކުރައްވައި، އެމެރިކާގެ ދިފާޢީ ވުޒާރާ (ޑިޕާޓްމަންޓް އޮފް ޑިފެންސް) ގެ ނަން ރަސްމީކޮށް ”ހަނގުރާމައިގެ ވުޒާރާ“ (ޑިޕާޓްމަންޓް އޮފް ވޯ) އަށް ބަދަލުކޮށްފިއެވެ.
ދުނިޔެއިން ސުލްހަ ނައްތާލާ ނިރުބަވެރި ހަލަމާތަކަށް ތާއީދުކުރާ އެމެރިކާއިން ގެނައި މި ބަދަލުގެ މަޤްޞަދަކީ، މިހާރު ދުނިޔެ އޮތް ހާލަތަށް އެކަށީގެންވާ ނަމެއް ދިނުމާއި، އަސްކަރިއްޔާގެ ހަނގުރާމަވެރިންގެ ރޫހު އަލުން އާލާކުރުން ކަމަށް ޓްރަމްޕް ބުންޏެވެ.
މި އަމުރުގެ ދަށުން، ޑިޕާޓްމަންޓްގެ ނަން ރަސްމީކޮށް ބަދަލުކުރުމަށް ކޮންގްރެސްގެ ހުއްދަ ބޭނުންވާނެ ނަމަވެސް، ރަސްމީ ލިޔެކިޔުންތަކާއި ރަސްމިއްޔާތުތަކުގައި، އަދި ޤާނޫނީ ގޮތުން ލާޒިމްނުވާ ލިޔެކިޔުންތަކުގައި މި އައު ނަން ބޭނުންކުރެވޭނެއެވެ. ވައިޓް ހައުސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި އަމުރުގެ ސަބަބުން ސެކެރެޓަރީ އޮފް ޑިފެންސަށް ވެސް ”ސެކެރެޓަރީ އޮފް ވޯ“ ގެ މަޤާމުގެ ނަން ބޭނުންކުރެވޭނެއެވެ.
އޯވަލް އޮފީހުގައި ޑިފެންސް ސެކެރެޓަރީ ޕީޓް ހެގްސެތް އާއެކު ވާހަކަ ދައްކަމުން ރައީސް ޓްރަމްޕް ބުނީ، މިހާރު ދުނިޔެ އޮތް ހާލަތަށް ބަލާއިރު މިއީ މާ އެކަށީގެންވާ ނަމެއް ކަމަށް ދެކޭ ކަމަށެވެ.
“އަހަރެމެންގެ އަސްކަރިއްޔާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރިއްޔާ. އަހަރެމެންގެ އަތުގައި ވަނީ އެންމެ ފުރިހަމަ އާލާތްތައް. އަދި އެންމެ މޮޅު އާލާތް އުފައްދާ ފަރާތްތައްވެސް ތިބީ އަހަރެމެންގެ ގައުމުގައި. މިކަމުގައި އަހަރެމެންނާ ވާދަކުރާނެ އެހެން ބަޔަކު ނެތް.“ ޓްރަމްޕް ބުންޏެވެ. ޑިފެންސް ސެކެރެޓަރީ ހެގްސެތް ބުނީ ގޮތުގައި މި ނަން ބަދަލުކުރުމުގެ މައިގަނޑު މަޤްޞަދަކީ އަސްކަރިއްޔާގައި ”ހަނގުރާމަވެރިންގެ ރޫހު“ އަލުން އާލާކުރުމެވެ.
ތާރީޚަށް ބަލާއިރު، 1789 ވަނަ އަހަރު ކޮންގްރެސްއިން އުފެއްދި ”ހަނގުރާމައިގެ މިނިސްޓްރީ“ ގެ ދަށުން އޭރު ހިނގަމުން ދިޔައީ އެއްގަމު، ކަނޑު އަދި މެރިން ބާރުތަކެވެ. ފަހުން ނޭވީ ވަކި މިނިސްޓްރީއެއްގެ ގޮތުގައި ވަކިކުރިއެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު، އެއިރުގެ އެމެރިކާގެ ރައީސް ހެރީ ޓްރޫމަން ވަނީ ހުރިހާ އަސްކަރީ ބާރުތަކެއް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ނަން ޑިފެންސް ޑިޕާޓްމަންޓް އަށް ބަދަލުކުރައްވާފައެވެ.



