ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކުރުމާއި ގުޅިގެން ރައްޔިޔުންނަށް އޮޅޭ ގޮތަށް ނޫސްވެރިކަމުގެ މިނިވަންކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ގޮދު ޚަބަރުތަކެއް ފަތުރަމުންނެވެ.
މިގޮތުން ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީގެ މާލީ ބަޔާނާއި ގުޅޭގޮތުންވެސް ބައެއް ފަރާތްތަކުން ދަނީ ދޮގު ޚަބަރުތަކެއް ފަތުރަމުންނެވެ. މި ޚަބަރުތަކާއި ގުޅިގެން މެންބަރުގެ ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓެއްގައި ވަނީ މާލީ ބަޔާނާއި ގުޅިގެން ފަތުރާ ދޮގު ޚަބަރުތަކަށް ރައްދު ދެއްވާފައެވެ.
ދުވާފަރު ދާއިރާގެ މެންބަރު އެންމެ ފުރަތަމަ މަޖިލީހަށް ހޮވިފައިވަނީ 2014 ވަނަ އަހަރުގެ 18 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. މެންބަރުގެ ޕޯސްޓްގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުން ލިބުނު މުސާރައިގެ އިތުރުން އެއްވެސް އާމްދަނީއެއް ލިބުނު މެންބަރެއް ނޫންކަމަށް ވަނީ ފާހަގަކޮށްފައެވެ.
”އެ ދައުރުގައި ލިބުނު މުސާރައާއި އިނާޔަތްތައް ހަރަދުކޮށްފައިވާނީ ދިރިއުޅުމުގެ ޚަރަދުތަކަށާއި، ދާއިރާގެ ރައްޔިތުންގެ ބައެއް މުހުތާދުތަކަށް“ މެންބަރު ދާއިރާގެ މެންބަރު އާއްމުކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
19 ވަނަ މަޖިލީހުގެ އިންތިހާބު ނާކާމިޔާބު ވުމާއެކު މެންބަރުގެ ދިރިއުޅުމުގެ ކަންކަން ހަމަޖައްސާފައިވާނީ މާލޭގެ ބާޒާރުމަތީގައި ހުންނަ ފިހާރައެއްގައި ވަޒީފާ އަދާކޮށްގެން ކަމަށް މެންބަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. އަދި މިކަމަށް ދުވާފަރުގެ އެންމެހާ ރައްޔިތުން ހެކިވާނެ ކަންކަންވެސް މެންބަރު ފާހަގަކުރެއްވިއެވެ.
ދުވާފަރު ދާއިރާގެ ރައްޔިތުން އިތުބާރުކޮށް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރު މުޙައްމަދު ޢަލީ ހޮވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މުޙައްމަދު ޢަލީ އަކީ އެއްވެސް ނާޖާއިޒު މަންފާތަކެއް ހޯދާ އެފަދަ ކަންކަމުގައި އުޅޭ މީހެއްނޫންކަން ދުވާފަރުގެ ރައްޔިތުން ޤަބޫލުކުރާތީކަމަށް މެންބަރުގެ ޕޯސްޓްގައި ފާހަގަކުރައްވާފައިވެއެވެ.
ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އާންމުކޮށްފައިވާ މާލީ ބަޔާނުގައި ވާގޮތުން މެންބަރު މުޙައްމަދު ޢަލީ އަކީ ހަމައެކަނި މަޖިލީހުން ލިބޭ މުސާރައަކުން ދިރިއުޅެމުންދާ މީހެކެވެ.
”އަޅުގަނޑަކީ އަޅުގަނޑަށް ލިބޭ އާމްދަނީ ފޮރުވައިގެން ނުވަތަ ހާމަ ނުކުރަން އުޅެންޖެހޭ ފަދަ ސަބަބެއް އޮތް މީހެއް ނޫނެވެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑު ވާނީ ނަޒާހަތްތެރިކަމާއި އިހްލާސްތެރިކަމާއެކު އުޅޭނެ މީހަކަށެވެ.“ މެންބަރުގެ ޕޯސްޓްގައި ވެއެވެ.
މެންބަރުގެ މި ޕޯސްޓާއި ގުޅިގެން ދާއިރާގެ ރައްޔިތުންގެ ޝުއޫރުތައްވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެގޮތުން މެންބަރު މުޙައްމަދު އަލީ އަކީ އެއްވެސް ވިޔަފާރިއެއް އަދި ފައިސާ އިތުރަށް ލިބޭނެ އެއްވެސް ގޮތެއް ނެތް ފަރާތެއްކަން ދާއިރާގެ އެންމެހާ ރައްޔިތުން ޤަބޫލުކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މެންބަރުގެ ޕޯސްޓަށް ގިނަ ބަޔަކު ތައުރީފު ކޮށްފައިވާއިރު، ކުރިޔަށް އޮތް ތަނުގައިވެސް މެންބަރުގެ ނަޒާހަތްތެރިކަން ހުންނާނެކަމަށް ދާއިރާގެ ބައެއް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ކަމަށް ބުނެ ބައެއް މީޑިއާތަކުން ރާއްޖޭގައި ހިނގާ ބައެއް ކަންކަމަށާއި، ސަރުކާރުގެ ނިންމުންތަކަށް އާންމުންނަށް އޮޅޭގޮތަށް އެތައް ޚަބަރުތަކެއް ދަނީ ފަތުރަމުންނެވެ. ނޫސްވެރިންގެ ޙައްޤުތަކާއި އެއްވަރަށް އެ ދޮގުތައް ރައްދުވާ ފަރާތްތަކުގެ ހައްޤުތައްވެސް އޮންނާނެކަން ނޫސްވެރިންވެސް ދަންނަންވާނެއެވެ.



