ށ. ޅައިމަގަށް މިއަދު ހެނދުނު އަރައިގަތް ނަގޫރޯޅިއެއްގައި އެ ރަށުގެ 22 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހަކަށް އަނިޔާވެއްޖެއެވެ.
ޅައިމަގު ކައުންސިލް މެންބަރު އާމިނަތު އަފްރާހާ ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:00 ހާއިރު އެ ރަށުގެ އިރުމަތީ ފަރާތުން ކަމަށެވެ. ނަގޫރޯޅި އެރި ވަގުތު އެ ރަށަށް މާބޮޑަށް މޫސުން ގޯސްވެފައެއް ނުވެ އެވެ. ނަމަވެސް، ފަތިހުން ފެށިގެން އެ ރަށަށް ވާރޭ ވެހެމުންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާގައި ޖުމްލަ 22 ގެއަކަށް އެކި ވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ. ބައެއް ގޭގޭގެ މަގުމަތީ ފާރުތައް ވެއްޓި، ގަރާޖުތަކާއި ގޭގޭގެ ފުރާޅުތައް ވަނީ އެއްލާލާފަ އެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ މަގުތަކަށާއި ގޭގޭގެ ގޯތިތެރެއަށް ބޮޑެތި ގަސްތައް މުލުން ލުހިގެން ވަނީ ވެއްޓިފައެވެ.
ނަގޫރޯޅި އެރި ވަގުތު ގޭގެއެއްގެ ގަރާޖެއްގެ ތެރޭގައި ހުރި މީހެއްގެ ގައިގައި ވިއްސައިގެން ދިޔަ އެޅިގަލަކުން ޖެހި، ބޯފަޅައިގެން ދިޔައެވެ. އެ މީހާއަށް ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ދޫކޮށްލާފައެވެ.
މިއީ ފަހުގެ ތާރީޚެއްގައި ޅައިމަގަށް މިފަދަ ގުދުރަތީ ހާދިސާއެއްގައި މިހާ ބޮޑު ގެއްލުމެއް ލިބުނު ފުރަތަމަ ފަހަރެވެ. މި ހާދިސާގައި ގެތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލީ މައުލޫމާތު އެއްކޮށް، ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ހިއްސާކުރުމުގެ މަސައްކަތް ޅައިމަގު ކައުންސިލުން ދަނީ ކުރަމުންނެވެ.



