ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ދެމެދެ ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.
އިޖްތިމާއީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ފަހުމުނާމާގެ މަގުސަދަކީ ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި، މާލީ ހާލަތުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާ އަދި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

އަދި މި ފަހުމުނާމާގެ ސަބަބުން، މި ފަރާތްތަކަށް މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ހޯދުމާއި، ވަޒީފާގެ ދާއިމީ ފުރުސަތުތައް ލިބިގަތުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އި ވުޒާރާއިން ވިދާޅުވިއެވެ.

މި ފަހުމުނާމާއަކީ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުޖުތަމަޢުގެ އެންމެހައި ފަރުދުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ .



