ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އިންޑިއާ އަދި ޖަޕާނުގެ ގުޅުން ވަރުގަދަކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފި

އިންޑިއާ އަދި ޖަޕާނުގެ ގުޅުން އެކި ދާއިރާތަކުން ވަރުގަދަކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.

މި ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ. އެގޮތުން އިއްޔެ ވަނީ ދެގައުމުގެ ބޮޑުވަޒީރުންގެ މެދުގައި ރަސްމީ މުހިންމު މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ.

މަޝްވަރާތަކަށްފަހު ޓޯކިޔޯގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޖަޕާނުގެ ބޮޑުވަޒީރު ޝިގޭރޫ އިޝީބާ ވިދާޅުވީ އެއްގައުމު އަނެއް ގައުމުގެ ކިބައިން ހިތްވަރު ލިބި، އެއް ގައުމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަނެއް ގައުމުން އެހީތެރިވެ، އަދި އަންނަން އޮތް ޖީލުތަކަށް ދިމާވެދާނެ މައްސަލަތަކަށް ހައްލު ހޯދުމަށް ދެގައުމުން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށެވެ.

ދެގައުމުން ވަނީ އިންޑޯޕެސިފިކް ސަރަހައްދުގައި ދިފާޢީ ކަންކަމުގައި ކުރިއަށް އޮތް 10 އަހަރު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެފައެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމަންޓް، އާޓިފިޝަލް އިންޓެލިޖެންސް އަދި ދަތުރުފަތުރުގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދެގައުމުން އެއްބަސްވިއެވެ. ޖަޕާނުން ބުނީ އެގައުމުގެ އަމާޒަކީ އިންޑިއާގައި އިންވެސްޓްކުރުން 68 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުން ކަމަށެވެ.

އޮސްޓްރޭލިއާ އަދި އެމެރިކާ ހިމެނޭ ގޮތުން އިންޑިއާއާއި ޖަޕާނުން ގެންދަނީ ކުއަޑްގެ ނަމުގައި އިންޑޯޕެސިފިކް ސަރަހައްދަށް ޚާއްސަ ގްރޫޕެއްގައި ގުޅިގެން މިހާރުވެސް މަސައްކަތްކުރަމުންނެވެ. ޚާއްސަކޮށް ޗައިނާއާއި ވާދަވެރި މި ދެގައުމުންވެސް ޗައިނާއާ ވާދަކުރުމުގައި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެއެވެ.

އެމެރިކާއަށް އެތެރެކުރާ އިންޑިއާގެ އުފެއްދުންތަކުން ނަގާ ޓެރިފް ބޮޑުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާއި ގުޅިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެންދަވަނީ އެގައުމުގެ އުފެއްދުންތައް ވިއްކާން އިތުރު މާކެޓްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މޯދީ ޖަޕާނަށް ވަޑައިގަތީ ޖަޕާނުގެ އިތުރުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައެވެ. ޖަޕާނަށްފަހު، ޗައިނާއަށް ވަޑައިގެން، ޝަންހާއީ ކޯޕަރޭޝަން ކައުންސިލްގެ ބައްދަލުވުމުގައި މޯދީ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ގުޅުންހުރި ލިޔުންތައް