ތައިލެންޑުގެ ދުސްތޫރީ ކޯޓުން، ވަގުތީގޮތުން މަޤާމުން ދުރުކޮށްފައި ހުންނެވި އެ ޤައުމުގެ ބޮޑުވަޒީރު ޕައެޓޯންގްޓަރން ޝިނަވަތްރާ މަޤާމުން ވަކިކުރުމަށް ނިންމައިފިއެވެ.
މި ޙުކުމް އައިސްފައިވަނީ ކެމްބޯޑިއާގެ ކުރީގެ ވެރިޔާ ހުން ސެންއާއެކު ތައިލެންޑުގެ ބޮޑުވަޒީރު ކުރެއްވި ފޯނު މުޢާމަލާތަކާ ގުޅިގެން އަޚްލާޤީ ގޮތުން އެކަށީގެންނުވާ ޢަމަލެއް ހިންގިކަމަށް ދަޢުވާކޮށް ހިންގުނު ޝަރީޢަތަކަށް ފަހުގައެވެ.
ހުކުރު ދުވަހު އިއްވި މި ޙުކުމާއެކު ޕައެޓޯންގްޓަރންއަކީ 2008 އިން ފެށިގެން ތައިލެންޑުގެ ފަނޑިޔާރުން މަޤާމުން ވަކިކުރި ފަސްވަނަ ބޮޑުވަޒީރެވެ. އަދި މި ޙުކުމުގެ ސަބަބުން ތައިލެންޑުގައި ދިގު މުއްދަތަކަށް ސިޔާސީ ހަމަޖެހުމެއް ނެތް ޙާލަތަކަށް ވެއްޓި، އަވަސް އިންތިޚާބަކަށް މަގުފަހިވެދާނެކަމަށް ބެލެވެއެވެ.
ތައިލެންޑުގެ ރަސްކަމަށް ތާއީދުކުރާ ފަރާތްތަކާ ގުޅުން އޮންނަކަމަށް ޤަބޫލުކުރެވޭ 9 ފަނޑިޔާރުންގެ ކޯޓުން ނިންމާފައިވަނީ، 39 އަހަރުގެ ބޮޑުވަޒީރު ޕައެޓޯންގްޓަރން ޖޫން މަހު ހުން ސެންއާއެކު ކުރި ފޯނު މުޢާމަލާތުގައި، ސަރަޙައްދީ ހަނގުރާމައެއް ފެށުމުގެ ނުރައްކާ ކުޑަކުރުމަށް މަސައްކަތްކުރުމާ ބެހޭގޮތުން ވާހަކަދެއްކުމުގައި، ބޮޑުވަޒީރެއްގެ ކިބައިގައި ހުންނަންޖެހޭ އަޚްލާޤީ މިންގަނޑުތައް ”ބޮޑަށް ނިގުޅައިގަނެފައިވާ“ ކަމަށެވެ.
ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ ޕައެޓޯންގްޓަރން އޭނާގެ އަމިއްލަ މަޞްލަޙަތު ޤައުމުގެ މަޞްލަޙަތަށްވުރެ އިސްކޮށް، ޤައުމުގެ ޤަދަރު ގެއްލޭފަދަ ގޮތަކަށް ޢަމަލުކޮށްފައިވާ ކަމަށެވެ.
ހާމަވި މި މުޢާމަލާތުގައި، ޕައެޓޯންގްޓަރން ހުން ސެންއަށް ”ބޮޑުބޭބެ“ ގެ ނަމުން މުޚާޠަބުކުރާ އަޑު އިވިފައިވެއެވެ. މިކަމާ ގުޅިގެން ތައިލެންޑުގެ އިސް ސިފައިންގެ ވެރިއެއްގެ ފާޑުކިޔުމާއެކު އޭނާއަކީ ”ދެކޮޅުވެރިއެއް“ ކަމަށް ސިފަކޮށްފައިވެއެވެ.
މި މައްސަލާގައި ތައި ކޯޓުން ޕައެޓޯންގްޓަރން ވަގުތީގޮތުން މަޤާމުން ދުރުކޮށްފައިވަނީ ޖުލައި 1 ގައި، މައްސަލައިގެ ޙުކުމް އަންނަންދެނެވެ.
މި ސަރަޙައްދީ ޚިލާފު އޭގެ ފަހުން ދުވަސްތަކެއް ވަންދެން ހިނގި ހަތިޔާރުއެޅި ހަމަނުޖެހުންތަކަކަށް ބަދަލުވެ، ދެ ޤައުމުގެ ސަރަޙައްދުގައި ގިނަ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ހިޖުރަކުރަން މަޖުބޫރުވިއެވެ.
މި ހަނގުރާމަ ނިމުނީ މެލޭޝިއާގެ މެދުވެރިކަމާއެކު ޖުލައި 29 ގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމުންނެވެ.
ޙުކުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން، ޕައެޓޯންގްޓަރން ވިދާޅުވީ، އޭނާ މަސައްކަތް ކޮށްފައިވަނީ ޤައުމުގެ މަސްލަޙަތު ރައްކާތެރި ކުރުމަށް ކަމަށެވެ.



