- Advertisement -spot_img

ބޮޑުފޮޅުދޫގައި އަންނަ އަހަރު 50 ހައުސިން ޔުނިޓް އަޅައިދޭނެކަމަށް ރައީސް ވިދާޅުވެއްޖެ

އއ. ބޮޑުފޮޅުދޫގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އަންނަ އަހަރު 50 ހައުސިން ޔުނިޓް އަޅައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތްތެވެ.

އއ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ހައުސިން މަޝްރޫއުތަކަށް އެއް ބިލިއަން ރުފިޔާ ކަނޑައެޅިފައިވީ ނަމަވެސް، އޭގެ ތެރޭގައި ބޮޑުފޮޅުދޫ ހިމެނިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ބޮޑުފޮޅުދޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް 50 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ހިމަނައިދެއްވާނެ ކަމަށް ރައީސް ޔަގީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ އެވެ. މަޝްރޫއު ފުރިހަމަވުމުން ބޮޑުފޮޅުދޫގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑު މިންވަރަކަށް ލުއިވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ކުރީ ސަރުކާރުގައި އެމްޓީސީސީން ބޮޑުފޮޅުދޫ ފަޅުން ހަތަރު ހެކްޓަރުގެ ބިމެއް ހިއްކި ނަމަވެސް، އެ ބިން ބޭނުން ނުކުރެވި އޮތް މައްސަލަ ރައީސް ފާހަގަކުރެއްވިއެވެ. އެ ބިން މިހާރު އޮތީ އެއްވެސް ހިމާޔަތެއް ނުކޮށް ކަމަށް ވިދާޅުވި ރައީސް، އަންނަ އަހަރުގެ ބަޖެޓުގައި އެ ބިން ހިމާޔަތްކުރުމާއެކު ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެއް ވެސް ހިމަނައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ހިއްކި ބިން ބޮޑުފޮޅުދޫ ކައުންސިލާ ހަވާލުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް