ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށައަޅުއްވާފައިވަނީ މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގުއެވެ. މި ބިލު ހުށައަޅާފައިވަނީ، ޕޭމަންޓް ސިސްޓަމްތައް ހިނގުމަށާއި، ޕޭމަންޓް ހިދުމަތްތައް ދިނުމުގެ ބޭނުމަށް، ކުންފުންޏާއި އެނޫންވެސް ޤާނޫނީ ޝަހްސުތައް އުފެއްދުމުގެ ބާރު، ގާނޫނުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ދިނުމަށާއި، ޕޭމަންޓް ހިދުމަތްތައް ސޮލިސިޓްކުރުން މަނާކޮށް، އަދަބު ކަނޑައެޅުމާބެހޭ އުސޫލުތައް ގާނޫނުގައި ހިމެނުމަށްޓަކައި އިސްލާހު ގެނައުމަށެވެ.
މި ބިލަށް ކޮމިޓީ މަރުހަލާގައި ގެނައި ތިން އިސްލާހަކާއެކު މިއަދުގެ ޖަލްސާގައި ވަނީ ބިލު ބަލައިގަތުމާމެދު ވޯޓަށް އަހާފައި ވެއެވެ. ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ބިލުގައި ވަނީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުން ދެ މާއްދާއެއް އިސްލާހުކުރުމަށް ހުށައަޅާފައެވެ.
އެގޮތުން، ޕޭމަންޓް ސިސްޓަމެއް ހިންގުމަށްޓަކައި ނުވަތަ ޕޭމަންޓް ހިދުމަތެއް ދިނުމަށްޓަކައި، ހިއްސާދާރެއްގެ ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން ނުވަތަ އެހެންވެސް ހައިސިއްޔަތަކުން ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ޖޮއިންޓް ވެންޗާއެއް އެމްއެމްއޭއަށް އުފެއްދިދާނެކަމަށް އިސްލާހުގައި ވެއެވެ. ނުވަތަ އެފަދައިން އުފައްދާފައިވާ ކުންފުންޏެއްގެ ނުވަތަ ވެންޗަރއެއްގެ ހިއްސާދާރަކަށް ނުވަތަ ޕާޓްނަރޝިޕެއްގެ ބައިވެރިއަކަށްވެސް އެމްއެމްއޭއަށް ވެވިދާނެކަމަށް އިސްލާހުގައި ވެއެވެ.
އިސްލާހުގައި އިތުރަށް ވަނީ، ބޭންކުތަކާއި އެމްއެމްއޭއިން އިސްތިސްނާކޮށްފައިވާ ފަރާތްތަކާއި އިސްތިސްނާކޮށްފައިވާ ހަރަކާތެއް ހިންގާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން، މި ގާނޫނުގެ ދަށުން އެމްއެމްއޭއިން އެކަމަށް ދޫކޮށްފައިވާ ލައިސެންސް ނުވަތަ ހުއްދަ ލިބިގެން ނޫނީ ރާއްޖޭގައި ޕޭމަންޓް ސިސްޓަމެއް ހިންގައިގެން ނުވާނެކަމަށް ބުނެފައެވެ. އަދި އެފަދަ ސިސްޓަމްތައް ހިންގާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން މި ގާނޫނުގެ ދަށުން އެމްއެމްއޭއިން ދޫކުރާ ލައިސެންސް ލިބުގެން ނޫނީ ސިސްޓަމެއް ހިންގައިގެން ނުވާނެކަމަށް ވެއެވެ. އަދި ލައިސެންސާއި ހުއްދަނެތި އެފަދަ ހިދުމަތެއް ދޭކަމަށް ނުވަތަ ހަރަކާތެއް ހިންގާކަމަށް ދައިކައިގެންވެސް ނުވާނެކަމަށް އިސްލާހުގައި ވެއެވެ.



