ހައްދަފަހަނައަޅާފައިވާ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ހިފުމަށް ކުރަމުންދާ މަސައްކަތް ފުޅާކޮށް، އެ ސަރަޙައްދުގެ މައި އާބާދީ ކަމަށްވާ ޣައްޒާ ސިޓީއަށް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފިއެވެ.
މިކަމުގެ ސަބަބުން، ބަނޑުހައިހޫނުކަމުގެ ތެރޭގައި ތިބި އެތައް ހާސް ފަލަސްތީނު ރައްޔިތުންނެއް އަނެއްކާވެސް އެމީހުންގެ ގެދޮރު ދޫކޮށް ހިޖުރަކުރަން ވަނީ މަޖުބޫރުވެފައެވެ.
އިސްރާއީލުގެ ބޮންތަކުގެ އެންމެ ބޮޑު އަސަރެއް ފާއިތުވި ދުވަސްތަކުގައި ކޮށްފައިވަނީ ޣައްޒާ ސިޓީގެ ޒައިތޫން، ސަބްރާ، ރިމާލް އަދި ތުއްފާޙް އަވަށަށެވެ. އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯޗާ) ގެ ތަރުޖަމާނަކު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ޣައްޒާގެ ދެކުނަށް ބަދަލުކުރުމަށް އިސްރާއީލުން ރާވާފައިވާ ރޭވުމުގެ ސަބަބުން އެމީހުންގެ ދަތިތަކާއި ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށެވެ.
ޒައިތޫން އަވަށުން އެތައް ހާސް އާއިލާއެއް ވަނީ ހިޖުރަކޮށްފައެވެ. އެއީ ދުވަސްތަކެއް ވަންދެން ހުއްޓުމެއްނެތި ދިން ހަމަލާތަކުގެ ސަބަބުން އެ އަވަށް އެކީގައިހެން ސުންނާފަތިވެފައިވާތީއެވެ. އަދި އާދިއްތަ ދުވަހު ޣައްޒާ ސިޓީގެ އަލް-އަހްލީ އަރަބް ހޮސްޕިޓަލަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން ހަތް މީހަކު ވަނީ ޝަހީދުވެފައެވެ.
އަލްޖަޒީރާގެ ހިންދު ޚުދާރީ، މަރުކަޒީ ޣައްޒާގެ ދެއިރުލް-ބަލަޙް އިން ރިޕޯޓުކުރަމުން ބުނީ، ބަރު ހަތިޔާރާއި ވައިގެ ހަމަލާތަކުގެ ސަބަބުން ގިނަ ބަޔަކު ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށެވެ. ”ޒައިތޫން އަވަށަކީ އާބާދީ ބޮޑު، ގިނަ އާއިލާތަކެއް ދިރިއުޅޭ އަދި އެތައް ބަޔަކު ހިޔާވަހިކަން ހޯދަމުން އައި ތަނެއް. އެމީހުންނަށް ކުއްލި ސިހުމެއް ލިބުނީ ބަރު ހަތިޔާރުންނާއި ވައިގެ މަގުން ވަރުގަދަ ހަމަލާތައް ދޭން ފެށުމުން. ބައެއް މީހުން މަޑުކުރި. އަނެއްބަޔަކު ހިޖުރަކުރަން ފެށި. ހަމަނުޖެހުން ބޮޑުވުމުން، ގިނަ ބަޔަކަށް މަޖުބޫރުވީ ބަނޑުހައިހޫނުކަމާއި ހިތާމައިގެ ތެރޭގައި، އަނެއްކާވެސް ހުރިހާ އެއްޗެއް ދޫކޮށް ހިޖުރަކުރަން،“ ޚުދާރީ ބުންޏެވެ.
މިދިޔަ ހަފުތާގައި އިސްރާއީލުން ވަނީ ޣައްޒާ ސިޓީގެ އިތުރު ހިސާބުތަކަށް ވަދެ، އެތާގެ ރައްޔިތުން ދެކުނަށް ފޮނުވާލުމަށް ރާވާފައިވާކަން އިއުލާންކޮށްފައެވެ. މިއީ ބައިނަލްއަޤްވާމީ ފާޑުކިޔުންތައް އަމާޒުވި ކަމެކެވެ.
ހަނގުރާމައިގެ ޖަރީމާތަކުގެ ކުށުގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ހޯދަމުން އަންނަ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، އާންމުން ”އަމާން ޒޯންތަކަށް“ ބަދަލުކުރާނެ ކަމަށެވެ. ނަމަވެސް، ”އަމާން“ ކަމަށް ބުނާ ސަރަޙައްދުތަކަށް ވެސް އިސްރާއީލުން ދަނީ ތަކުރާރުކޮށް ހަމަލާދެމުންނެވެ.
އާދިއްތަ ދުވަހު އިސްރާއީލުން ވަނީ މަދުވެގެން ފަލަސްތީނުގެ 57 މީހުން ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި އެހީ ހޯދަން މަސައްކަތްކުރި 38 މީހުން ހިމެނެއެވެ. މިއާއެކު، އޮކްޓޯބަރު 2023 ގައި ހަނގުރާމަ ފެށުނު ފަހުން ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު ވަނީ ގާތްގަނޑަކަށް 62,000 އަށް އަރާފައެވެ.
ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ފަލަސްތީނުގެ އިތުރު ހަތް މީހަކު ޝަހީދުވެ، ހަނގުރާމައިގެ ތެރޭގައި ބަނޑުހައިހޫނުކަމާ ގުޅިގެން ޝަހީދުވި މީހުންގެ އަދަދު 258 އަށް އަރާފައިވާ ކަމަށެވެ. އޭގެތެރޭގައި 110 ކުޑަކުދިން ހިމެނެއެވެ.