ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ޣައްޒާ ފޭރިގަންނަން ނިންމިނިންމުމަކީ އިތުރު ލޭއޮހޮރުވުމަކަށް މަގުފަހިވާނެ ގޯސް ނިންމުމެއް: އިނގިރޭސި ބޮޑުވަޒީރު

އިސްރާއީލުން ޣައްޒާ ފޭރިގަންނަން ނިންމިނިންމުމަކީ އިތުރު ލޭއޮހޮރުވުމަކަށް މަގުފަހިވާނެ ގޯސް ނިންމުމެއްކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސްޓާމަރ ވިދާޅުވެއްޖެއެވެ.

މުޅި ޣައްޒާ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސް، ޣައްޒާގެ ބިންތައް ފޭރިގަނެ، އެތަނުގައި ވަކި ވެރިކަމެއް ގާއިމުކުރަން އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހުށަހަޅާފައިވާ ޕްލޭން އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން އިއްޔެ ވަނީ ފާސްކޮށްފައެވެ.

މި ނިންމުމާއި ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސްޓާމަރ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުން ޣައްޒާ ސިޓީ ހިފަން ރާވާ ރޭވުމަކީ ”ގޯސް“ އަދި ”އިތުރު ލޭއޮހޮރުވުމަކަށް މަގުފަހިވާނެ“ ކަމެއްކަމަށެވެ. އަދި އެއީ ޣައްޒާގައި ހިންގާ ހަމަލާތައް އިތުރަށް ވަރުގަދަވެ ހާލަތު ގޯސްވާނެ ނިންމުމަކަށްވާތީ އެ ނިންމުމާމެދު އަލުން ވިސްނުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވަނީ އިސްރާއީލު ސަރުކާރަށް ގޮވާލައްވާފައެވެ.

”މި ނިންމުމަކީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ނުވަތަ ރަހީނުން ދޫކުރުމަށް އެއްވެސް އެހީތެރިކަމަކަށް ނުވާނެ، މި ނިންމުމުގެ ސަބަބުން ދާނީ އިތުރު ލޭއޮހޮރުވުމަށް، ކޮންމެ ދުވަހަކު ޣައްޒާގެ އިންސާނީ ހާލަތު ދަނީ ގޯސްވަމުން، އަޅުގަނޑުމެންނަށް މިހާރު ބޭނުންވަނީ ހަނގުރާމަ ހުއްޓުމަކާއި، އިންސާނީ އެހީ އިތުރުކުރުމަކާއި، ހަމާސްއިން ހުރިހާ ރަހީނުން ދޫކޮށްލުމަކާއި، ވާހަކަދައްކައިގެން ހައްލެއް ހޯދުމަށް، ހަމާސްއަށް ޣައްޒާގެ މުސްތަޤުބަލުގައި ދައުރެއް ނޯންނާނެ، އަދި އެމީހުން ވަކިވެ ހަތިޔާރު ދޫކުރަންޖެހޭނެ.“ އޭނާގެ ބަޔާނުގައި ވިދާޅުވެފަވެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ސްޓާމަރ އިތުރަށް ވިދާޅުވީ އޭނާގެ މެސެޖް ސާފުކަމަށެވެ. އަދި ޑިޕްލޮމެޓިކް ހައްލެއް ހޯދުމަކީ ކުރެވިދާނެ ކަމެއްކަމަށާއި، ނަމަވެސް ދެފަރާތުންވެސް ހަލާކުވުމުގެ މަގުން ދުރުވާންޖެހޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލްގެ މި ނިންމުމާއި ގުޅިގެން އިސްރާއީލްގެ ސިފައިންގެ ވެރިންނާއި ޣައްޒާގައި ހަމާސްގެ ބެލުމުގެ ދަށުގައިވާ އިސްރާއީލް މީހުންގެ އާއިލާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް