ޓެމްޕަލް މެރިން އެލްޓީޑީ ގެ ”އެމް.ވައި ބިގް ފިޝް“ ނަމަކަށް ކިޔާ ޔޮޓެއް އދ.އަތޮޅު ފަރަށް އުރުނު މައްސަލައާ ގުޅިގެން އެ ޔޮޓު 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ މިދިޔަ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު ފަރަށް އުރުނު ޔޮޓްގެ ޖޫރިމަނާ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފައިސާ އެ އޭޖެންސީ އަށް ދައްކާ ހަލާސްކުރަން އަންގާފައިވާ ކަމަށެވެ.
މި ޔޮޓް ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓް ގެ ލޯކަލް އޭޖެންޓް ކަމުގެ ދަށުން ރާއްޖެ އައިސްފައިވާއިރު، ޔޮޓް އުރުނު މައްސަލާގައި ޔޮޓް އޭޕްރިލް 29 ވަނަ ދުވަހު ފަރުން ނަގާފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ. އަދި ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން ޖޫން 4 ގައި އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރުންނާއެކު އެ ޔޮޓް ފަރަށް އެރި ސަރަހައްދުގައި ޖޮއިންޓް ސާވޭއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭޕީއޭ އިން ބުންޏެވެ.
އޭޕީއޭއިން ބުނީ މި ސާވޭއިން އެ ފަރުގެ 187 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޓެމްޕަލް މެރިން ކުންފުނި 4,889,450.00ރ (ހަތަރު މިލިއަން އަށްހަލައްކަ އަށްޑިހަ ނުވަހާސް ހަތަރުސަތޭކަ ފަންސާސް) ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.
ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން ފަރުތަކަށް އުޅަނދުތައް އުރިގެން ލިބޭ ގެއްލުން ދެނެގަނެ 100 މިލިއަނަށްވުރެ ބޮޑު ނޫން އަދަދަކުން އެކަމެއްގައި ޝާމިލުވާ ފަރާތްތައް ޖޫރިމަނާކުރުމަށް ގާނޫނުގައިވަނީ ބަޔާންކޮށްފަ އެވެ. އަދި ގެއްލުމުގެ ބަދަލު ނުދައްކާނަމަ ޝަރީއަތް މެދުވެރިކޮށް ބަދަލު ހޯދުމުގެ އިހްތިޔާރު ދިވެހި ސަރުކާރަށް މި ގާނޫނުން ލިބިދެ އެވެ.



