ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ: ވަޒީރު އާދަމް ޝަރީފު

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ވަޒީރު ކުރެއްވި މި އެކްސް ޕޯސްޓްގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ މައިގަނޑު އެއް އަމާޒަކީ ކައުންސިލްތަކަށް ޙަޤީޤީ ބާރުތައްދީ، ރައްޔިތުންނާ ގާތުން މަސައްކަތްކުރާ މުއައްސަސާތަކެއްގެ ގޮތުގައި ކައުންސިލްތައް ހެއްދެވުން ކަމަށް ވިދާޅުވެފައި ވެއެވެ.

އެ ގޮތުން ވަޒީރު ވިދާޅުވީ، ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކޮށްދިނުމުގެ ގޮތުން ފަޅުރަށްތައް ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ދެއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ކައުންސިލްތަކާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާގެ އަލީގައި ކަންކަން ނިންމަވައި ދެއްވުމަކީ މި ސަރުކާރުން ގެންގުޅޭ އާންމު ސިޔާސަތު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި އެކްސް ޕޯސްޓްގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެފައިވަނީ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކާ ގުޅޭ ގޮތުން ކައުންސިލްތަކުން ހުށަހަޅައި ބަދަލުތައް ގެނެސްދެއްވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ޙަޤީޤީ މާނައިގައި ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުތަކުގެ ހެތްކެއް ކަމަށެވެ.

ވަޒީރު ކުރެއްވި މި ޕޯސްޓްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވީރާނާވެ، ބޭނުންނުކުރެވޭ ޙާލަތަށް ގޮސްފައިވާ 105 ކައުންސިލް އިދާރާ އަލުން އިމާރާތްކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢެއް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި މިއީ ކައުންސިލްތަކަށް އެކަށީގެންވާ މާހައުލެއް ޤާއިމުކޮށްދީ، ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރައްވަމުން އަންނަ މުހިންމު މަސައްކަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެއެވެ.

ވަޒީރުގެ އެކްސްޕޯސްޓް ނިންމަވައިލައްވާފައިވަނީ ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމާއެކު، އެ ބާރުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އިތުބާރު އެތައް ގުނައަކަށް ބޮޑުވެގެންދާނެ ކަމެއްކަމަށް ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް