ދިވެހި ދަޢުލަތުގެ މަތިވެރި އިއްޒަތް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން 3 ބޭފުޅަކަށް އަރުވައިފިއެވެ.
މި 3 ބޭފުޅުންނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަޤަބު އަރުވާފައިވަނީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަޤަބު އަރުވާފައިވާ 3 ބޭފުޅުންނަކީ ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛް މުޢުތަސިމް އަދުނާންއާއި ގ. ފިޔާތޮށިގޭ ހަސަން ޞާބިރު، ނިޝާން މުލީގެ އިއްޒަތް ލިބިވަޑައގެންފައިވާ ޤާސިމް އިބްރާހީމަށެވެ.
ޗީފް ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛް މުޢުތަސިމް އަދުނާނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ދީފައިވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ޤާނޫނީ ދާއިރާއިން މީހުން ބިނާ ކުރުމަށާއި ޝަރުޢީ ދާއިރާގެ ކަންކަމާއި ޝަރުޢީ ދާއިރާގެ މައްސަލަތައް އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ނިންމެވުން ހަރުދަނާ ކުރުމަށާއި ރާއްޖޭގެ ޚާރިޖީ ދާއިރާ ގުޅޭ ކަންކަމުގައި ދެއްވަންޖެހޭ ލަފާ ދެއްވުމަށާއި އެ ރޮނގުރޮނގުން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
ގ. ފިޔާތޮށިގޭ ހަސަން ޞާބިރަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ދީފައިވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައާއި ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ޚާއްސަކޮށް މަސްވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުކަމުގެ ދާއިރާގެ މަޤާމުގައި ހުންނަވައިގެން އެ ދާއިރާތަކުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ޤައުމީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާތީއާއި ޚާރިޖީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
ޤާސިމް އިބްރާހިމަކީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ ދާއިރާއަށް އަދި ތަޢުލީމީ ދާއިރާއަށާއި ދިވެހި ދަޢުލަތަށް އަގުހުރި ޚިދުމަތްތަކެއްކުރައްވާފައިވާވާތީއެވެ. ޤާސިމް އިބްރާހީމަކީ، ދިވެހި އެތައް ރައްޔިތުންނަކަށް ބޭސްފަރުވާ ކޮށްދެއްވުމުގައިވެސް ކުރީ ސަފުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ވިލާ ފައުންޑޭޝަނުން ދިވެހި ރައްޔިތުންނަށް ބޭސްފަރުވާއަށް ކުރެވުނު ގިނަގުނަ މަސައްކަތުގައި، ދިވެހި އެތައްހާސް ރައްޔިތުންނެއްގެ ވޭނާއި ކެކުޅުންތަކަށް ލުއިކަމެއް ގެނެސްދެއްވުމަށްޓަކައި ޤާސިމް މަސައްކަތް ކޮށްދެއްވިއެވެ.
ދިވެހި ދަޢުލަތުގެ މަތިވެރި އިއްޒަތް އަރުވަނީ ދިވެހި ރާއްޖޭގެ ޤަނޫނު އަސާސީގެ 115 ވަނަ މާއްދާއިންނާއި ޤާނޫނު ނަންބަރު 1/97 ދިވެހިރާއްޖޭގެ އިއްޒަތުގެ ޤާނޫނުގެ ދަށުންނެވެ. ދިވެހި ދަޢުލަތުން މީހުންނަށް އެހެނިހެން އިއްޒަތާއި މެޑެއްޔާއި ލަޤަބާއި ކުލަ ކަނޑައެޅުމައީ އިއްޒަތާއި މެޑެއްޔާއި ލަޤަބާއި ކުލަ ދިނުން ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. މި އިއްޒަތް އަރުވާފައިވަނީ ބެރި ދުންމާރި ތާޅަފިލީގެ އަޑާއެކުގައެވެ.