ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން މުހިންމު ނިންމުންތަކެއް ނިންމަވާ އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާނު ކުރައްވައިފިއެވެ.
އެމަނިކުފާނު އެކަން ޢިއުލާނު ކުރެއްވީ އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން މުހިންމު ނިންމެވުންތަކެއް ނިންމަވާފައިވާ އެކަން ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާ ކަމަށެވެ.
އެގޮތުން މިހާރުވެސް އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް ލިބޭ ފަދައިން، 1 އޮގަސްޓު 2025 އިން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށް ވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް އަންގަވާފައިވާ ކަމަށެވެ.
އަދި އަމިއްލަ ޚަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް މި ތާރީޚުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާ ކަމަށެވެ.
ވެރިކަމަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޭރު ފައިސާގެ ސިޔާސަތަށް ހަރުދަނާ ބަދަލުތަކެއް ގެންނަވާފަ އެވެ. އަދި ޑޮލަރު ލިބުމުގައި އޮތް ދަތިކަން ފިލުވުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ވަރަށް މުހިންމު ފިޔަވަޅުތަކެއް ގެންދަވަނީ އަޅުއްވަމުންނެވެ.
މަރުކަޒީ ބެންކުން ބެންކުތަކަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު އިތުރުކޮށް ޑޮލަރު ލިބުމަށް އޮތް ދަތިކަން ދަނީ ކުޑަ ކުރައްވަމުންނެވެ. އަދި މުހިންމު ބޭނުންތަކަށް ބޭރަށް ދާ ދިވެހީންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފަ އެވެ.