ބޭންކް އޮފް މޯލްޑިވްސް އިން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ރ. ދުވާފަރުގައި އެކުންފުނީގެ ބްރާންޗެއް ހުޅުވައި ހިދުމަތް ދޭން މިއަދު ފަށައިފިއެވެ.
މިކަމަށްޓަކައި ދުވާފަރުގައި މިއަދު އޮތް ރަސްމިއްޔާތުގައި މި ބްރާންޗް ހުޅުވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ޗެއާމަން، ޑެޕިއުޓީ ސީއީއޯ އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ މިރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ދުވާފަރުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނާ އަދި އެކި މުވައްސަސާތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.

މި ބްރާންޗް ހުޅުވައިދެއްވުމަށްފަހު ވަޒީރު މުއްތަލިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭންކިންގެ ޚިދުމަތް ފަސޭހަކަމާއިއެކު ލިބޭނެ އިންތިޒާމު ހަޖެއްސުމަކީ ރައީސުލްޖުހްމޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެއްކަމަށާއި ދުވާފަރުގައި ހުޅުވިގެން މިދިޔަ ބްރާންޗަކީވެސް މިމަސައްކަތުގެ ތެރެއިން ހުޅުވިގެންދާ ބްރާންޗެއްކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަށް ވަޒީރު ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ދުވާފަރު ފަދަ އިޤްތސާދީ ހަރަކާތްތައް ގިނަ ރަށެއްގައި މި ޚިދުމަތް ފެށުމުން ގިނަ ރައްޔިތުންތަކަކަށް އޭގެ ފައިދާ ކުރާނެކަމަށެވެ. އަދި ސަރުކާރުގެ ހައުސިންގ ސްކީމްތައް ދޫކުރާ ލޯނުފަދަ ޚިދުމަތްތައް ދިނުމަށް ސަރުކާރަށްވެސް އިތުރު ފަސޭހަތަކެއް ވެގެންދާނެކަމަށް ވަޒީރުގެ ވާހަކާގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަދު ހުޅުވިގެން މިދިޔައީ ދިވެހި ޤައުމީ ބޭންކްގެ 40 ވަނަ ބްރާންޗެވެ. މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އެއަތޮޅުގެ އުނގޫފާރު އަދި މީދޫގައި އެ ކުންފުނީގެ ޚިދުމަތްދޭ މަރުކަޒުތައް ޤާއިމްކޮށްފައެވެ.
މި ޚިދުމަތް ފެށުމާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައިވަނީ މިއަދު ދުވާފަރުގައި ހުޅުވިގެން ދިޔަ ބްރާންޗަކީ ރާއްޖޭގެ ފުރަތަމަ ޕޭޕާލެސް ބްރާންޗް ކަމަށެވެ. އެހެންކަމުން މި ބޭންކްގެ ޚިދުމަތްތައް ދެވިގެންދާނީ ތިމާވެއްޓާއި ރައްޓެހި ގޮތުގައި އެއްވެސް ވަރަކަށް ކަރުދާހުގެ ބޭނުންނުކޮށްކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ބޭންކުން ބުނެފައިވަނީ ބޭންކުގެ ތަސައްވަރު ޙާސިލްކުރުމަށް މައިގަނޑު ތިން އަސާސެއްގެ މަތީގައި މަސައްކަތްކުރެވޭ ކަމަށެވެ. އެގޮތުން ޑިޖިޓަލް ފަސްޓް، ކަސްޓަމަރ ސަރވިސް، އަދި ސަސްޓެއިނަބިލިޓީއަށް އިސްކަމެއް ދީގެން މަސައްކަތްކުރެވޭއިރު މިހާރު ބޭންކުން ދެމުންދާ ހުރިހާ ޚިދުމަތްތަކެއްވެސް ޑިޖިޓަލް ކުރެވިފައިކަމަށް ވަނީ ބުނެފައެވެ.
މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްފޯރުކޮށްދިނުމަށް ކުރަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ގާއިމްކުރެވުނު މި ބްރާންޗުގެ ސަބަބުން ދުވާފަރުގެ އެންމެހައި ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭންކިންގ ހިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވެގެންދާނެއެވެ. އަދި ހަމައެހެންމެ ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު ރަށުގެ ރައްޔިތުންނަށް ފަހިވެގެންދާނެއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން މުޅި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. ރައީސްގެ މި ވައުދުގެ ދަށުން މި ޚިދުމަތް ދުވާފަރުގައި ފެށުމަށް މެންބަރު މުޙައްމަދު ޢަލީ ވަނީ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ދުވާފަރުގައި މިޚިދުމަތް ފެށުމާއި ގުޅިގެން މެންބަރު މުޙައްމަދު ޢަލީ ވިދާޅުވީ ރައީސްގެ އިރުޝާދުގެ ދަށުން މިއަދު ފެށިގެން ދިޔަ މިޚިދުމަތަކީ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދިއެދި ޚިދުމަތެއް ކަމަށާއި، މިއީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ފެށުނު ޚިދުމަތެއްކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް ރައްޔިތުންނަށް ބޭނުންވާ މިފަދަ ޚިދުމަތްތައް ފޯރުކޮދިނުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކޮށްދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގައި މަސައްކަތްކޮށްދެއްވި އެންމެހާ ފަރާތްތަކަށާއި، އަދުގެ ސަރުކާރަށް މެންބަރު ވަނީ ޝުކުރު އަދާކޮށްފައެވެ. ދުވާފަރުގެ ތަރައްޤީއަށްޓަކައި މި ފެށުނު ޚިދުމަތާއި ގުޅިގެން ރަށުގެ އެންމެހާ ރައްޔިތުންނަށް މެންބަރު ވަނީ މަރުޙަބާ ދަންނަވާފައެވެ.