މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ ”މުސްލިމަކު ކާފިރުކުރުމުގެ ނުބައިކަން“، މި މައުޟޫއުގެ މައްޗަށެވެ.
ހުތުބާގައި ބުނީ ކާފިރުކުމަކީ މުސްލިމަކު ނުވަތަ މުސްލިމު ޖަމާއަތެއް ކުފުރަށް ނިސްބަތް ކުރުން ކަމަށާއި އަދި އެއީ އެމީހުންގެ ފުރާނަ އާއި މުދާ ހުއްދަކުރުން ކަމަށެވެ.
މިކަމަކީ އެހާ ފަސޭހައިން ކުރެވިގެން ވާނޭ ކަމެއް ނޫންކަމަށާއި އެއްވެސް މީހަކަށް އިސްލާމްކަމުގެ މަތިވެރި ޝަރަފު ލިބުމަށްފަހު އޭނާ އެ ދާއިރާއިން ބޭރުކުރުމަކީ ވަރުގަދަ ހުއްޖަތާއި ސާބިތު ހެތްކާއި އަދި ރޯމާ ދުވާލު ފަދަ އަލިގަދަ ދަލީލުތަކެއް ނެތި ކުރުން ހަރާމް ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
މުސްލިމަކާއި ދިމާލަށް ބަދުބަސް ބުނުމާއި ޤަޛްފުކުރުމަކީ ހަރާމްކަމެއް ކަމުގައިވާއިރު ހިއެއް ނުވަތަ އަމިއްލަ ވިސްނުމުގެ މައްޗަށް ބިނާކޮށް މުސްލިމަކު ކާފިރުކުރުން ހުއްދަ ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި އެ އަމަލަކީ ޖާހިލުކަމާއި ޝަރުއީ ހުކުމްތައް ދޭހަނުވުމުގެ އިތުރުން ޝުބުހަތަކަށް ހެއްލުމުގެ ނަތީޖާއެއް ކަމަށް ވެސް ހުތުބާގައިވެއެވެ.
ޚުތުބާގައި ބުނީ، އެކަމުގެ ހައްލަކީ ސުންނަތްޖަމާއަތުގެ މަންޖަހަށް އެނބުރި ރުޖޫއަވުން ކަމަށެވެ. އިންޓަނެޓުން ދަސްވެނިވުމުގެ ބަދަލުގައި ބޮޑެތި އާލިމުންގެ އަރިހުން ދަރިވަރުވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެއިތުރުން ދީނުގެ ކަންކަން ރަނގަޅަށް ނޭނގޭ މީހުންގެ ގާތުން އިލްމު ހޯދަން ފެށުމަކީ ގިޔާމާތުގެ އަލާމާތެއް ކަމަށް ކީރިތި ރަސޫލާ ވަނީ ހަދީސްކުރައްވައިފައެވެ.



