ރ. ދުވާފަރުގައި އެފްއެސްއެމްއިން ފިޔުލް ޝެޑެއްގެ ޢަމަލީ މަސައްކަތް ދާދި އަވަހަށް ފެށިގެން ދާނެކަމަށް ދުވާފަރު ދާއިރާގެ މެންބަރު މުޙައަމްދު ޢަލީ ވިދާޅުވެއްޖެއެވެ.
މެންބަރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން މެންބަރުގެ މެސެޖުގައި މި ޝެޑުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށާއި، އަދި މިމަސައްކަތް ނިންމައި މިއަހަރުގެ ނޮވެމްބަރު މަހަށް ނިންމާ ޚިދުމަތް ފެށިގެންދާނެކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެސްޓީއޯ ރޭޓުގައި ފެޓްރޯލް އަދި ޑީސަލް ލިބިގެންދާނެ ކަމުގެ އުފާވެރި ޚަބަރުވެސް މެންބަރުގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

މި ފިޔުލް ޝެޑްގެ ސަބަބުން އާބާދީގައި 5000 އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭ މިރަށުގެ ރައްޔިތުންނަށް ނުހަނު ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ރަށުގައި ދުއްވާ އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުތަކަށް ތެޔޮ އެޅުމަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންދާނެއެވެ. އަދި މީގެއިތުރުން ރަށާކައިރި އެހެން ރަށްރަށާއި ރިސޯޓްތަކުގައި ދުއްވާ އުޅަނދުފަހަރަށްވެސް މި ޝެޑްގެ ސަބަބުން އެތަކެއް ލުއިތަކެއް ލިބިގެންދާނެއެވެ.
ރަށުގެ ބަނދަރުމަތީގައި ހެދުމަށް ހަމަޖެހިފައިވާ މި ފިޔުލް ޝެޑްގެ ސަބަބުން އެސްޓީއޯ ރޭޓުގައި އެންމެހާ ރައްޔިތުންނަށް މި ޚިދުމަތް ލިބިގެން ދިޔުމަކީ މާލީގޮތުން ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
މިޚިދުމަތް ފެށުމާއި ގުޅޭގޮތުން ރައްޔިތުންގެ ފަރާތުން ވާހަކަ ދެއްކި ފަރާތަކުން ބުނީ މިއީ ދުވާފަރުގެ ރައްޔިތުންނަށާއި ރަށަށް ދަތުރުކުރާ އެހެން ފަރާތްކަށްވެސް ފަސޭހަތަކެއް ލިބިގެންދާނެ ޚިދުމަތެއް ކަމަށާއި ރަށަށް ލިބޭ މިފަދަ ކުރިއެރުންތައް ރައްޔިތުން އުފަލާއިއެކު ބަލައިގަންނަކަމަށެވެ. އަދި އެކަމަށްޓަކައި މިއަދުގެ ސަރުކާރަށާއި ދާއިރާގެ މެންބަރަށް ޝުކުރު އަދާކުރާ ކަމަށެވެ.
އަދި މިސަރުކާރު އައިފަހުން ވޭތުވެދިޔަ ދުވަސްތަކުގައި ރަށަށް އެކިކަހަލަ މަޝްރޫޢުތައް އަންނަކަމަށާއި، މިއީ ކުރިން ލިބޭ ފުރުސަތުތަކެއް ނޫން ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.