އާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ވަގުތީ ގޮތުން އެ މުއައްސާސާ ހިންގުން ހަވާލުކޮށްފައިވާ ޑެޕިއުޓީ ކޮމިޝަނާ އިސްމާއިލް ނަވީން މިއަދު އައްޔަންކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އެޕްރީލް މަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެއާއެކު އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ނަވީން ހިމެނޭހެން ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ.
ނަވީންގެ އިތުރުން ދެން އެ މަގާމަށް ކުރިމަތިލެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝަމީމް އެވެ.
އެ ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން މިދިޔަ ހަފްތާ އިންޓަވިއުކޮށް، ނިންމާފައި ވަނީ އެ ތިން ބޭފުޅުން ވެސް މަގާމަށް ޝަރުތު ހަމަވާ ކަމަށެވެ.
ފުލުހުންގެ ގާނޫނު ބުނާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަކީ ރައީސް އައްޔަން ކުރައްވާ މަގާމެކެވެ. ރައީސް އެމަގާމަށް ބޭފުޅަކު އައްޔަން ކުރުން އޮންނަނީ ހޯމް މިނިސްޓަރުގެ ލަފާގެ މަތިނެވެ. ހޯމް މިނިސްޓަރު ލަފާ އަރުވަނީ، ޕޮލިސް ބޯޑުން ކުރިމަތިލީ ބޭފުޅުން ވަޒަންކޮށް، އިންޓަވިއުކުރުމަށްފަހު އަރުވާ ރިޕޯޓްގެ މައްޗަށް ބިނާކޮށެވެ.



