ބުދަ, އޯގަސްޓް 6, 2025
spot_img
- Advertisement -spot_img

އަރމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، 3 ރަން މެޑަލް ޙާޞިލްކުރި ލައިބާ އަށް ރައީސްގެ މަރްޙަބާ!

އަރމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފު ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ބޮޑު ފަޚުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަގްވާމި މުބާރާތަކުން 3 ރަން މެޑަލް ޙާޞިލްކޮށްފައިވާތީ ލައިބާ އަށް މަރުހަބާ ވިދާޅުވެ، ލައިބާއަކީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށް ވިދާޅުވެފައެވެ.

ލައިބާ ވަނީ އަރމޭނިއަން ޔޫތު އޯޕަންގައި ވާދަކޮށް 3 ރަން މެޑަލް ހޯދާފައެވެ.

”ބައިނަލްއަޤްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް“ ރައީސް ވިދާޅުވިއެވެ.

އަދި ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގެން ރައީސް ވަނީ ލައިބާއަށް ހިތްވަރު ދެއްވާފައެވެ.

12 އަހަރުގެ ލައިބާ ވަނީ އަރުމޭނިއާގައި ކުރިޔަށްދާ އަރްމޭނިއަން ޔޫތް އޯޕަން 2025 ގައި ސިންގަލްސް އަދި ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިވެންޓުން ރަން މެޑަލް ހާސިލްކޮށްފައެވެ. މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި ލައިބާ ރަން މެޑަލް ހާސިލްކުރި ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް