އިނގިރޭސި ޕްރެމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބޯންމައުތާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ސިޓީ އިން ލީގުތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ސިޓީގެ ފުރަތަމަ ގޯލު މެޗުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިސްރު ފޯވާޑް އޮމަރު މަރުމޯޝްއެވެ. އެއަށްފަހު ބެނާޑޯ ސިލްވާ ވަނީ މެޗުގެ 38 ވަނަ މިނެޓުގައި ސިޓިއަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީފައިވާއިރު، ސިޓީގެ ތިންވަނަ ގޯލު މެޗުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިކޯ ގޮންޒާލޭޒް އެވެ. މިމެޗުގައި ބޯންމައުތުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޑެނިއަލް ޖެބިސަން އެވެ.
މެޗުގެ ދެވަނަ ހާފުގައި މެންޗެސްޓާ ސިޓީގެ ކޮވަސިޗް އަދި ބޯންމައުތުގެ ލުއިސް ކުކްއަށް ދެއްކި ރަތްކާޑާއެކު ދެޓީމުން ވެސް މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.

މިމެޗަކީ މެންޗެސްޓާ ސިޓީއަށް ވަރަށް ހާއްސަވި މެޗެކެވެ. ސަބަބަކީ މިމެޗަކީ މިސީޒަން ނިމުމުން ޓީމު ދޫކޮއްލުމަށް ނިންމާފައިވާކަން އިއުލާންކޮށްފައިވާ މެންޗެސްޓާ ސިޓީގެ ލެޖެންޑް ކެވިން ޑިބްރޭނާ، އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު ފަހު މެޗެވެ. އަދި އަނިޔާގެ ސަބަބުން މިސީޒަނުގެ ބޮޑުބައި ކުޅުމާއި ދުރުގައި ހުރި މިއަހަރުގެ ބެލެންޑިއޯ އެވޯޑް ކާމިޔާބުކުރި ރޮޑްރީ ވަނީ އަނިޔާއިން ރަނގަޅުވެ މިމެޗުގެ ދެވަނަ ހާފުގެ ފަހު 83 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެފައެވެ.
މިނަތީޖާއެކު ލީގުގައި މެންޗެސްޓާ ސިޓީ އިން ކުޅުނު 37 މެޗުން ހޯދި 68 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގުތާވަލުގެ ތިން ވަނައިގައެވެ. އަދި މިމެޗުން ބަލިވި ބޯންމައުތުން ލީގުގައި ލީގުގައި ކުޅުނު 37 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ.