ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިޔާ މަޝްރޫޢުގެ 10 ވަނަ ޓަވަރާއި 12 ވަނަ ޓަވަރުގައި ހިމެނޭ ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ދޫކުރުމަށް މިއަދު އިއުލާނުކޮށްފިއެވެ.
އެޗްޑީސީން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި ދެ ޓަވަރުގެ ކޮމާޝަލް ޔުނިޓްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ޖެހޭނެއެވެ. މި ޔުނިޓްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ރަނގަޅު ޕްރޮޕޯސަލް އަދި ބިޑެއް ހުށަހަޅާ ފަރާތްތަކަށެވެ.
މިފަހަރު ހުޅުވާލެވިފައިވާ ޔުނިޓްތަކުގައި ހިންގުމަށް ހުއްދަދެވޭނެ ވިޔަފާރިތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 12 ވަނަ ޓަވަރުގައި ހަދަން ދޫކުރަނީ ފިހާރައަކާއި، ކެފޭއަކާއި، ކްލިނިކަކާއި، ޖިމެއް ނުވަތަ ފާމަސީއެކެވެ. މީގެ އިތުރުން 10 ވަނަ ޓަވަރުގައި ހިންގޭނީ ފިހާރައަކާއި، ކެފޭއަކާއި، ކްލިނިކެއް ނުވަތަ ޖިމެކެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ މަޝްރޫއުގެ 16 ޓަވަރުގެ އެންމެ ތިރީ ފަންގިފިލާ ހާއްސަކޮށްފައިވަނީ އެކި ބާވަތުގެ ވިޔަފާރިތައް ހިންގުމަށެވެ. މިހާރުވެސް އެތަންތަނުގައި ގިނަ އަދަދެއްގެ ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓުތައް އަންނަނީ ހިންގަމުންނެވެ. މި ޔުނިޓްތައް އަލުން ބީލަމަށް ހުޅުވާލާފައިވަނީ ކުރިން ހަދާފައިވާ އެގްރީމެންޓްތަކުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.



