ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ސްޕެނިޝް ލަލީގާގައި ބާސެލޯނާ ބަލިވިއިރު، ރެއާލް މެޑްރިޑުން ކުޅުނު މެޗު ކާމިޔާބުކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ވިލަރެއާލް ކުޅުމެޗުން ބާސެލޯނާ 3-2 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

މިނަތީޖއާއިއެކު ވިލަރެއާލަށް ވަނީ ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވިލަރެއާލް އިންނެވެ. މިލަނޑު ފުރަތަމަ ހާފު ފެށިފެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އަޔޯޒޭ ޕެރޭޒް އެވެ.

ބާސެލޯނާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ލަމީން ޔަމާލް އެވެ. މިއީ މިސީޒަނުގައި އާދަޔާ ޚިލާފު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔަމާލް ލީގުގައި ކުޅުނު 34 މެޗުގައި ކާމިޔާބުކުރި ނުވަވަނަ ލަނޑެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ބާސެލޯނާއަށް ލީޑު ހޯދައިދީފައެވެ.

ވިލަރެއާލް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ސަންތީ ކޮމެސަނެއާ އެވެ. އަދި އެޓީމު މިމެޗުން މޮޅުވި ލަނޑު ފަހުހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ތޭޖޮން ބުކޭނަން އެވެ.

ބާލެސޯނާ އަދި ވިލަރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

މިނަތީޖާއެކު ލީގުގައި ކުޅުނު 37 މެޗުން ވިލަރެއާލްއަށް 67 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ބާސެލޯނާ އިން ލީގުގައި ކުޅުނު 37 މެޗުން އެޓީމަށް ވަނީ 85 ޕޮއިންޓް ލިބިފައެވެ. އަދި މިމެޗަށް ނިކުތްއިރުވެސް އެޓީމަށް އޮތީ ލީގު ޗެންޕިއަންކަން ކަށަވަރުވެފައެވެ.

މީގެ އިތުރުން ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ރެއާލް މެޑްރިޑުން ސެވިއްޔާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ރެއާލުން ވަނީ ކާމިޔާބުކޮށްފިއެވެ.

މިނަތީޖާއެކު ލީގުގައި ރެއާލް މެޑްރިޑް ކުޅުނު 37 މެޗުން އެޓީމަށް 81 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ސެވިއްޔާ އިން ލީގުގައި ކުޅުނު 37 މެޗުން އެޓީމަށް 41 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 16 ވަނައިގައެވެ.

މެޗުގެ ފުރަތަމަ ހާފު ފެށިގެން ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ސެވިއްޔާގެ ޑިފެންޑަރު ލޮއިކް ބަޑޭ ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ސެވިއްޔާ އިން އެއްކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދަނިކޮށް އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޓީމުގެ ފޯވާޑް އިސާކް ރޮމޭރޯ، ކުޅެން ނިކުތްތާ މިނެޓެއްވެސް ނުވަނީސް ރެއާލްގެ ޗުއެމިނީއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ވެސް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަ ކުރީ ނުވަ ކުޅުންތެރިންނާއެކު އެވެ.

މެޗުގެ ދެވަނަ ހާފު އެއްކޮށް ސެވިއްޔާ އިން ދެކުޅުންތެރިން މަދުކޮށް ކުޅުނު ނަމަވެސް ރެއާލްއަށް މެޗުގެ ލީޑު ފަހުހާފުގެ 75 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. މިއީ މިސީޒަނުގައި ރެއާލް މެޑްރިޑާއި ގުޅުނު ފަހުން އެނާ ކާމިޔާބުކުރި 41 ވަނަ ލަނޑެވެ. އަދި ލީގުގައި ކާމިޔާބުކުރި 29 ވަނަ ލަނޑެވެ.

ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

ގުޅުންހުރި ލިޔުންތައް