އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ހެޔޮ ޢަމަލުތަކަށް ހުރަސްއަޅާ ކަންތައްތަކުން އެންމެހާ ފަރާތްތަކުން ދުރުވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފި

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުލޫއަކީ ”ތަޣުވާވެރިންނަކީ، މާތްﷲ ހަނދުމަކުރާ މީހުން“ އެވެ.

މިއަދުގެ ޚުޠުބާ ފަށާފައިވަނީ މާތްﷲ ގެ ޙަޟުރަތަށް އެންމެހައި މީސްތަކުން ރުޖޫޢަކުރެވޭނެ ދުވަހަށް، ރައްކާތެރިވެ ބިރުވެތިވެވޭނީ، މާތްﷲ އަށް ފުރިހަމަ ގޮތުގައި އީމާންވެ، އެކަލާނގެ ހަނދުމަކޮށްގެންކަމަށް ބުނަމުންނެވެ. އަދި ސުވަރުގޭގެ މަތިވެރި ސަވާބަށް އުންމީދުކޮށް، ނަރަކައިގެ ވޭންދެނިވި އަޒާބުގެ މަތިން ހަނދާންކޮށްގެން ކަމަށް ވަނީ ބުނެފައެވެ. މިކަން އެކަކު އަނެކަކަށް ހަނދާންކޮށްދީ ވަޢުޘާއި ނަސޭހަތް ލިބިގަތުމަށް ވަނީ އެދިފައެވެ.

މިގޮތުން މާތްﷲ ހަނދުމަކުރުމަށް ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އެންމެ ފުރަތަމަ މާތްﷲ އަށް އީމާންވުމަށްފަހު، މުސްލިމުންނަށް އެންމެ ފުރަތަމަ ވާޖިބުކުރެއްވި ކަމަކީ ނަމާދުކަން ވަނީ ހަނދާންކޮށްދީފައެވެ. މި އުންމަތަށް ނަމާދު ފަރުޟު ކުރެއްވުނީ ކީރިތި ނަބިއްޔާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާއިގެން މިޢުރާޖު ކުރެވުނު ރޭ، މެދުވެރިޔަކު ނެތި، ސީދާ އެކަލޭގެފާނަށް މާތްﷲ ބަސް ވަހީ ކުރައްވައިގެންކަމާއި، އަދި ނަމާދަކީ އާޅާގެ ޢަމަލުތަކުގެ ތެރެއިން ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ އަމަލުކަން ވަނީ ބުނެފައެވެ. ނަމާދަކީ މަރު އަމާންވާ ކަންތައްތަކުގައި ހިމެނޭ ކަމެއްކަމާއި ކަށްވަޅުގެ އެކަނިވެރިކަމުންނާއި އަޒާބުން ސަލާމަތްވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވެސް ވަނީ ބުނެފައެވެ.

މާތްﷲ ހަނދުމަކުރުމުން އެއްކިބާވެ، ކީރިތި ޤުރުއާނަށާއި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ސުންނަތަށް ފުރަގަސްދީފި މީހަކީ، ދުނިޔެއާއި އާޚިރަތުގައި ގެއްލެނިވެގެންވާ މީހެއްކަމަށް މިއަދުގެ ޚުޠުބާގައި ވަނީ ބުނެފައެވެ.

މާތްﷲ ހަނދުމަކުރުމާއި، ނަމާދު ޤާޢިމްކުރުމާއި، ހެޔޮ ޢަމަލުތަކަށް ހުރަސްއަޅާ ކަންތައްތަކަކީ، ހަވާނަފްސުގެ އެދުންތަކާއި، މުންކަރާތްތަކާއި، ފާހިޝު ޢަމަލުތައްކަން ވަނީ ބުނެފައެވެ. އަދި ޒިނޭކުރުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ޖުވާކުޅުންފަދަ ފާޙިޝު ޢަމަލުތައްކަމަށްވަނީ ބުނެފައެވެ. އަދި މިޢަމަލުތަކަކީ ޝައިތާނާ އިންސާނާ މަގުފުރައްދައި، ނަރަކައިގެ އަހުލުވެރިއަކަށް ހެދުމަށްޓަކައި ނުހަނު ޒީނަތްތެރިކޮށް، އޭނާ ކުރިމަތިކުރުވާ ކަންތައްތަކެވެ. އެހެންކަމުން މާތްﷲ ހަނދުމަކުރުމާއި، ނަމާދު ޤާޢިމްކުރުމާއި، ހެޔޮ ޢަމަލުތަކަށް ހުރަސްއަޅާ ކަންތައްތަކާއި ދުރުވުމަށް އެންމެހާ މުސްލިމުންނަށް ވަނީ ހަނދާންކޮށްދީފައެވެ.

ބިރުވެރިކަން ބޮޑުވެގެންވާ ޤިޔާމަތްދުވަސް އޮތީ ދާދި ކައިރީގައިކަމާއި އެއީ މާތްﷲ ގެ ޙަޟުރަތަށް މީސްތަކުން ޙާޒިރުކުރެއްވޭނެ ދުވަސްކަމަށް ވަނީ ހަނދާންކޮށްދީފައެވެ. އެދުވަހީ ހިސާބު ބައްލަވާ ދުވަސްކަމާއި ސުވަރުގެވަންތަ ވެރީން ސުވަރުގެއަށް އަދި ނަރަކަވަންތަ ވެރީން ނަރަކައަށް ވަންނަ ދުވަހެއްކަމަށް ވަނީ ބުނެފައެވެ. އަދި ދުނިޔަވީ ދިރިއުޅުމުގައި މެދުވެރިވެދާނެ ނުރައްކާތަކުން ރައްކާތެރިކަން ހޯދުމަށްޓަކައި ގަދަފަދަ ބިޔަ ކިއްލާތައް ހަދައި، ބިންގަރާސް ހަދައި، މީހުން ގާޑުކޮށްގެން އުޅުނަސް މަރު އަންނާނެކަން ވަނީ ހަނދާންކޮށްދީފައެވެ.

އުޚުރަވީ ކަންކަން ރާވަން އެނގޭނީ ކީރިތި ޤުރުއާނާއި، ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޞައްޙަ ޙަދީޘްތަކުގެ އަލީގައި ކަމަށް ބުނަމުން، ޤިޔާމަތް ދުވަހާއިމެދު ކަންކަން ރާވައި، އެ ދުވަހަށް ތައްޔާރުވާން ޖެހޭނީ މި ދެ އަޞްލުގެ އަލީގައިކަމަށް ވަނީ މިއަދުގެ ޚުޠުބާގައި ބުނެފައެވެ.

މާތްﷲ ހަނދުމަކުރުމުގެ މާނައަކީ ތިބާ އާޚިރަތްދުވަހުގެ ޙަޔާތާއިމެދު ފަރުވާތެރިވެ، ހެޔޮ ޢަމަލުކުރުންމަތީ އުމުރު ހޭދަކުރުމާއި، މަރު ހަނދާންކުރުމާއި، އެއްވެސް ޝައްކެއްނެތި، ކަށަވަރު ކުރުވަނިވި ދުވަހާއި މެދު ބިރުވެތިވާ މީހާކަމަށް ވަނި ބުނެފައެވެ. އެހެންކަމުން ޤިޔާމަތްދުވަހުގެ ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުން އަމާންކަން ލިބެނިވި ޢަމަލުތަކަކީ ކޮބައިކަން ދެނެގަނެ، ވަގުތު ފާއިތުވުމުގެ ކުރިން އެފަދަ ޢަމަލުތައް ކުރުންމަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް