މި އަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ”ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް“ މި މައުލޫއަށެވެ.
ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތައް ކަމަށްވާއިރު، އެ ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.
މާތް ﷲގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތައްކަމަށާއި އެއީ ރަޖަބު މަހާއި، ޒުލްޤައިދާ މަހާއި، ޒުލްހިއްޖާ މަހާއި އަދި މުހައްރަމު މަސްކަން ހުތުބާގައިވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރަކީ ހައްޖު މަސްކަމަށާއި އެ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތައްކަމަށް ހުތުބާގައި ވެއެވެ. އެގޮތުން ޖިހާދުކުރުމަށްވުރެވެސް އެ ދިހަ ދުވަސް މާތްކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
”މި ދިހަ ދުވަހަށްވުރެ، ﷲ ގެ ހަޒްރަތުގައި ސާލިހު އަމަލު ކުރުމަށް ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ.“ އަސްހާބުބޭކަލުން ދެންނެވި އެވެ. ﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް ބޮޑަށްތޯ އެވެ؟ އިތުރު އެކަލޭގެފާނު ހަދީސްކުރެއްވި އެވެ. ”މާތް ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މެއެވެ. ޖިހާދުކުރުމަށް ޓަކައި އޭނާގެ ނަފުސާއި މުދާ ހިފައިގެން ނުކުމެ، އެއިން އެއްވެސް އެއްޗަކާއިގެން އެނބުރި ނައި މީހާ ފިޔަވައެވެ.“ ހުތުބާގައިވެއެވެ.
މި މާތް ދުވަސްތަކުގައި ކުރެވިދާނެ އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ތެދުވެރި ތައުބާއަކުން ތައުބާވުމާއި، ރޯދަހިފުން ހިމެނެ އެވެ. ހާއްސަކޮށް އަރަފާތް ދުވަހުގެ ރޯދައަކީ ވޭތުވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ފާފަތައް ފުއްސަވާނޭ ކަމެއްކަން ހުތުބާގައި ހަނދާންކޮށްދިނެވެ. މީގެ އިތުރުން ތަކުބީރާއި ތަސްބީޙަ ކިޔުމާއި، ޤުރްއާން ކިޔެވުމާއި، އުލްހިޔާ ކަތިލުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ހުތުބާގައި ގޮވާލިއެވެ.
ހުތުބާގައި އިތުރަށް ނަސޭހަތްތެރިވެފައިވަނީ ފާފަތަކަށް އަރައިގަތުމަކީ މާތް ﷲގެ ރަޙުމަތުން ދުރުކުރައްވައި، ނިއުމަތްތަކުން މަހުރޫމުކުރައްވާނޭ ސަބަބެއް ކަމަށެވެ.
”ފާފަތަކަށް އަރައިގަތުމަކީ މާތް ﷲ، އެކަލާނގެ ރަޙުމަތުން އެ މީހަކު ދުރުކުރައްވައި، އެކަލާނގެ ނިޢުމަތްތަކުން އެ މީހަކު މަހުރޫމުކުރައްވާނޭ ސަބަބެއްކަން ހަނދާންކުރާށެވެ!“ ހުތުބާގައި ބުނެފައި ވެއެވެ.
ހައްޖު މަހުގެ މަތިވެރި ދުވަސްތަކުގެ ބޭނުން ހެއު ގޮތުގައި ހިފުމަށް ޓަކައި މި ދުވަސްތަކުގައި ނުބައި ކަންކަމާ ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމަ އެ ފަދައިން ފާފަތަކަށް އަރައިގަތުމަކީ މާތް ﷲ، އެކަލާނގެ ރަޙުމަތުން އެ މީހަކު ދުރުކުރައްވައި، އެކަލާނގެ ނިޢުމަތްތަކުން އެ މީހަކު މަޙުރޫމުކުރައްވާނޭ ސަބަބެކެވެ.
އެހެންކަމުން ހައްޖު މަހުގެ މަތިވެރި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރާރުންވުމާއި، މަލާމާތްކުރުމާއި، ފުރައްސާރަކުރުމާއި، ބާތިލު ވާހަކަދެއްކުމާއި، ފިތުނައުފައްދައި، ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވެ ތިބޭ ބަޔަކަށް ވާށެވެ.
ނިންމާލަމުން ހުތުބާގައި ވަނީ ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، ފިތުނަ ފަސާދަ އުފެއްދުން ފަދަ އެންމެހައި ނުބައި ކަންކަމުން ދުރުހެލިވެ، ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ހުރިހާ މުސްލިމުންނަށް އިލްތިމާސްކޮށްފައެވެ.



