ޕާކިސްތާނާއި އިންޑިއާގެ ގުޅުން ގޯސްވެ ދެ ޤަޢުމުގެ މެދުގައި ހަމަލާތައް ދޭން ފަށައިފިއެވެ.
މިގޮތުން ޕާކިސްތާނުގެ ގިނަ ސަރަހައްދުތަކަކަށް އިންޑިއާއިން އަމާޒުކޮށް ދިން މިސައިލް ހަމަލާތަކުގައި މިހާތަނަށް 8 މީހަކު މަރުވެ، 35 މީހުން ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާގެ އިންޓަރ ސަރވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު)ގެ ޑިރެކްޓަރ ޖެނެރަލް ލެފްޓިނެންޓް ޖެނެރަލް އަޙްމަދް ޝަރީފް ޗައުދަރީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.
ޖެނެރަލް ޗައުދަރީ ވިދާޅުވިގޮތުގައި އިންޑިއާގެ އަސްކަރިއްޔާއިން ޕާކިސްތާނުގެ ހަ އަމާޒަކަށް ޖުމްލަ 24 ހަމަލާއެއް ދީފައިވެއެވެ. އެންމެ ބޮޑު ގެއްލުން ލިބިފައިވަނީ ޕަންޖާބު ޕްރޮވިންސްގެ ބަހާވަލްޕޫރު ސިޓީ ކައިރީގައި އޮންނަ އަހުމަދްޕޫރު ޝާރްކިއާއަށެވެ. އެ ސަރަހައްދުގައި ހުރި މިސްކިތަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ފަސް މީހުން މަރުވިއިރު، އޭގެ ތެރޭގައި އުމުރުން 3 އަހަރުގެ އަންހެން ކުއްޖަކުވެސް ހިމެނެއެވެ.
މީގެ އިތުރުން ސިއާލްކޯޓް ސިޓީ ކައިރީގައި އޮންނަ މުރިދްކޭ ސިޓީއާއި ޕަންޖާބު ޕްރޮވިންސްގެ ޝަކަރްގަރްގައިވެސް ހަމަލާތައް ދީފައިވާކަމަށް ޖެނެރަލް ޗައުދަރީ ވިދާޅުވިއެވެ. އަދި ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ މުޒައްފަރާބާދާއި ކޮޓްލީއަށްވެސް ހަމަލާ ދީފައިވާއިރު، ދެ މިސްކިތެއް ހަލާކުވެ، 16 އަހަރުގެ އަންހެން ކުއްޖަކާއި 18 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
އިންޑިއާއިން ޕާކިސްތާނަށް މި ހަމަލާތައް ދީފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕަހަލްގަމްގައި ދިން ހަމަލާގައި 26 އާންމު ރައްޔިތުން މަރުވުމާ ގުޅިގެންނެވެ. އިންޑިއާއިން ބުނީ އެއީ ޕާކިސްތާނުން ދިން ހަމަލާއެއް ކަމަށެވެ. ނަމަވެސް ޕާކިސްތާނުން ވަނީ މިކަން ދޮގުކޮށްފައެވެ.

މީގރ އިތުރުން ޕާކިސްތާނުން ވަނީ 5 އިންޑިއާ މަތިންދާބޯޓު ވައްޓާލައި، އަދި އިންޑިއާގެ ބައެއް ސިފައިންވެސް ހައްޔަރުކޮށްފައިކަމަށް ބްލޫމްބާގް ޓީވީއަށް މައުލޫމާތު ދެއްވަމުން ޕާކިސްތާނުގެ ދިފާޢީ ވަޒީރު އާޞިފް ވިދާޅުވެފައެވެ.
މަތިންދާބޯޓުތައް ވައްޓާލުމަކީ ”އަދާވާތްތެރި ޢަމަލުތަކެއް“ ނޫންކަމަށާއި، ޕާކިސްތާނުން އެކަން ކުރީ އެޤައުމުގެ ސަރަޙައްދު ދިފާޢުކުރުމަށްކަމަށް ބުދަ ދުވަހު ބްލޫމްބާގް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޕާކިސްތާނުގެ ދިފާޢީ ވަޒީރު ވިދާޅުވިއެވެ.
އިންޑިއާގެ އަސްކަރީ ހަމަލާތަކަށްފަހު، ޕާކިސްތާނުން އިންޑިއާގެ ހަނގުރާމަމަތީ ޖެޓްތައް ވައްޓާލާފައިވާކަމަށް ބުނި ނަމަވެސް، އިންޑިއާގެ އިސްވެރިން މިކަމާމެދު އަދި ޚިޔާލު ފާޅުކޮށްފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ ޕާކިސްތާނާ ދެކޮޅަށް ހިންގި އިންޑިއާގެ ހަރަކާތް އެއީ ”ލަދުވެތިކަމެއް“ ކަމަށެވެ. އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ސަރުކާރުން ”މި މައްސަލަ ކައިރިން މޮނިޓަރ ކުރަމުން ގެންދާ“ ކަމަށެވެ. ބައިނަލްއަޤްވާމީ ގައުމުތަކުން ވަނީ އިތުރު ހަނގުރާމަވެރި ޙަރަކާތްތަކާ ދެކޮޅަށް އިންޒާރުދީފައެވެ. އަދި އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މި ދެ ޤައުމަށް ”އެއްވެސް ހިސާބަކުން ކޮންޓްރޯލް ގެއްލިދާނެ ހަނގުރާމަވެރި ކުރިމަތިލުމެއް“ ނުގެނައުމަށް އިލްތިމާސްކޮށްފައެވެ.