- Advertisement -spot_img

މިއީ އެއް އަހަރުތެރޭ އެންމެ ގިނަ މިސްކިތް ބިނާ ކުރެވިގެންދާނެ އަހަރު: ރައީސް

ރާއްޖޭގެ ތާރީޚުގައި އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މިސްކިތް އިމާރާތްކުރެވިގެންދާނީ މި ހިނގާ 2025 ވަނަ އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މުޅި ރާއްޖޭގައި މިވަގުތު މިސްކިތް ބިނާކުރުމުގެ 21 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ކުރިއަށްދާކަމަށެވެ. މީގެއިތުރުން، އިތުރު 17 މިސްކިތް އެޅުމުގެ މަޝްރޫޢުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

މިއާއެކު ޖުމްލަ 38 މިސްކިތް އެޅުމުގެ މަޝްރޫޢު ކުރިއަށްދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

”މިހާރު މިގޮތަށް ކުރިއަށްދާ މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި ގިނަ މަޝްރޫޢުތަކެއް ނިމި މިއަންނަ އަހަރު ތެރޭގައި ބާކީ މަޝްރޫޢުތައް ނިމިގެންދާނެ. މިއީ އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މިސްކިތް އިމާރާތްކުރެވޭ އަހަރަށް (2025) ވެގެން އެބަދޭ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން، މާލެ ސަރަޙައްދުގައި ވަޤުފު އިންވެސްޓްމަންޓްތަކުގެ ދަށުން ތަފާތު އިމާރާތްތައް އެޅުމަށް ވަނީ ނިންމާފައެވެ. މިގޮތުން ރަސްފަންނު ކައިރީގައި ކީރިތި ޤުރުއާނާބެހޭ ޚާއްޞަ ވަޤުފު އިމާރާތެއް އެޅުމަށް 10,000 އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅާފައެވެ. އަދި ހުޅުމާލެ ފޭސް އެކެއްގައި ”ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް“ އާއި މާލޭގައި ”ދާރުލްއަރްޤަމް“ އިމާރާތް އެޅުމުގެ މަޝްރޫޢު މިހާރު ވަނީ ޕްރީ ޓެންޑަރިންގ މަރުހަލާގައެވެ.

މިސްކިތްތަކުގެ އިތުރުން، އިސްލާމްދީނުގެ ދާއިރާއިން އެހެނިހެން މަޝްރޫޢުތައް ހިންގުމަށް 20 ރަށެއް ވަނީ ކަނޑައަޅާފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި އިސްލާމިކް ސެންޓަރުތައް އެޅުންވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް