ފެލިދެއަތޮޅުގައި ފީނަން ދިޔަ އިޓަލީ ވިލާތުގެ ޑައިވަރުންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި، ޑައިވަރުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެ އަދާހަމަ އޮޅުންފިލުއްވައިފިއެވެ.
މި ޒިޔާރަތުގައި، އެ ސަރަހައްދުގައި ގާއިމުވެތިބި ކަމާބެހޭ އިދާރާތަކުން ވަނީ ގެއްލިފައިވާ މީހުން ހޯދުމަށް ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގެ ތަފްސީލީ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ، ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ޑައިވިންގ ޓީމަށާއި ކަމާބެހޭ އެންމެހައި ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަންދެއްވާފައެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކަށް އެހީތެރިވުމަށްޓަކައި ބޭނުންވާނެ އެންމެހައި ކަންކަން ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެ، މި މަސައްކަތުގައި އުޅުއްވާ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.
މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.
ފެލިދެއަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު، އިޓަލީ ވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުންގެ ތެރެއިން އެކަކު ނިޔާވެ، އިތުރު ހަތަރު ޑައިވަރުން ގެއްލުނު ހިތާމަވެރި ހާދިސާއާ ގުޅިގެން، އިޓަލީ ވިލާތުގެ ރައީސް ސަރޖިއޯ މަޓަރެއްލާއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.



