މި ހިނގާ އަހަރާއި އަންނަ އަހަރު ހިމެނޭހެން 2130 މަޝްރޫޢު ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަދުގެ ސަރުކާރަކީ ނަތީޖާ ނެރުމަށް މަސައްކަތް ކުރާ ސަރުކާރެއްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ތަރައްޤީގެ ދާއިރާއިން ކުރިއަށް މިއޮތް ދެ އަހަރު ވަރަށް ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން ޖުމްލަ 2130 މަޝްރޫޢު ކުރިއަށްގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި އެކަމުގެ ތަފްޞީލްތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިއްސާކުރައްވާފައެވެ.
މަޝްރޫޢުތައް އެކި ދާއިރާތަކަށް ބެހިފަވާގޮތް:
ކުޅިވަރު: 551
ކުނީގެ ނިޒާމު: 153
ސިއްޙަތު: 131
ސްކޫލް(ބިނާރު): 141
ބޭންކިން: 136
އެހެނިހެން: 72
ކައުންސިލް އިދާރާ: 116
މަގު: 112
ބަނދަރު: 104
ފުލުހުންގެ ޚިދުމަތް: 95
ފެނާއި ނަރުދަމާ: 86
ޕާކް: 51
މިސްކިތް: 50
ގޮނޑުދޮށް ޙިމާޔަތްކުރުން: 46
ބޯހިޔާވަހިކަން: 37
ބިން ހިއްކުން: 42
އައިޑީކަރޑް/ޕާސްޕޯޓު: 33
މަސްވެރިކަން: 30
އެއަރޕޯޓް: 27
މަތީ ތަޢުލީމު: 23
ފަތުރުވެރިކަން: 10
ފިއުލް ސްކިޑް: 20
އިޤްތިޞާދު: 19
ކަރަންޓު/އިންޖީނު: 26
ބުރިޖު: 2
ތިމާވެށި: 10
މަސްތުވާތަކެތީގެ ދާއިރާ: 4
ފެރީ ނިޒާމު: 3
މިއިން ކޮންމެ ވަޢުދަކީ ލިޔެވިފަވާ ވަޢުދުތަކެއްކަމަށާއި، ފުއްދަވާނެ ވަޢުދުތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި މުޅި ސަރުކާރު އެކުގައި މަސައްކަތް ކުރަމުންދާކަމަށާއި އެކުގައި މަސައްކަތް ކުރުމުގައި ދެމިތިބޭނެކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ ފުރަތަމަ އަހަރު އެންމެ ބޮޑު އިސްކަމެއް ދިނީ، ކުރީގެ ސަރުކާރުގައި ފަށާ ހުއްޓިފައިވާ މަސައްކަތްތައް އަވަސްކުރުމަށެވެ. އެގޮތުން މި މަސައްކަތުގައި ބޮޑެތި ކުރިއެރިއެރުންތައް ސަރުކާރުން ހޯދާފައިވެއެވެ.
އަދި މިހާރު މި ސަރުޚާރުގެ މެނިފެސްޓޯހައި ހިމެނޭ މަޝްރޫޢުތައް ސަރުކާރުން ވަނީ ފައްޓަވާފައެވެ. މިއަހަރަށް ބަލާއިރު، މި އަހަރު ވެގެންދާނީ ރައްޔިތުން ގެދޮރުވެރިކުރުމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވައެވެ. އެގޮތުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވާ ދާއިރާއަކީ ބޯހިޔާވަހިކަމުގެ ޢުމްރާނީ މަސައްކަތްތައްކަން ސަރުކާރުން ހާމަކުރައްވާފަވެއެވެ.