ދިވެހި މަސްކަނޑުތަކުގައި ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާ މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓްގައި ކާބަފައިންގެ ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށްވެސް ނަމޫނާއެއްކަމެވެ. ރައީސް ވަނީ މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެޔާއިދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 2 ވަނަ ދުވަހަކީ ވޯލްޑް ޓޫނާ ޑޭ، ނުވަތަ ދުނިޔޭގެ ކަނޑުމަހުގެ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކަނޑުގެ މަހުގެ ސްޓޮކް ބަލަހައްޓާއި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ބާރު އެޅުމުގެގޮތުންނެވެ.
ރާއްޖެއަކީ ޒަމާނުއްސުރެ ދޮށީގެ މަސްވެރިކަން ކުރަމުން އަންނަ، މަސްވެރިކަމުގެ ފަޚުރުވެރި ތާރީހެއް އޮތް ގައުމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި މަސް ބާނަނީ ދޮށީގައި ފަހަރަކު މަހެކެވެ. މިއީ ދެމެހެއްޓެނިވި މަސްވެރިކަމެކެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި މި މަސައްކަތްކުރުމުގައި ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށެވެ.