”އަންހެންވެރީންގެ ސައްލާ“ގެ ނަމުގައި މަސައްކަތުގެ ބައްދަލުވުމެއް މި މަހުގެ 29 އިން 30 އަށް މާލޭގައި ބާއްވާ ގޮތަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށް މާލޭގައި ބާއްވާ މި ސައްލާގައި މާލެ އަތޮޅާއި، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮޅު ދެކުނުބުރިއާއި، ފެލިދެއަތޮޅާއި، މުލަކަތޮޅުގެ އަންހެންގެ ތަރައްޤީއަށް މަސައްކަތްކުރަ ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިން 59 މެންބަރުން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ކަންކަން ބެލެހެއްޓެވުމާ ޙަވާލުވެހުންނެވި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ފާޠިމަތު ސުދުފާ ހާމަކުރެއްވި ގޮތުގައި މި ސައްލާ ބޭއްވުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ޤާނޫނުގެ ދަށުން ސިޓީތަކާއި، ރަށްރަށުގައި އުފެދިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޓީތައް ބާރުވެރި ކުރުވުމެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ކޮމިޓީތަކުން އަންހެނުންގެ ތަރައްޤީއަށް ހިންގިދާނެ ޙަރަކާތްތަކާއި، މާލީ ގޮތުން ކޮމިޓީތައް ބާރުވެރިވުމަށް ކުރެވިދާނެ ކަންކަމާ ބެހޭ މަޢުލޫމާތު ދިނުމަށް ވެސް ރޭވިފައި ވެއެވެ. އަދި ހަމަ އެހެންމެ މުޖުތަމަޢުގައި އަންހެނުން ބާރުވެރިކުރުވުމާއި، އަމިއްލަ ނަފުސުގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާއި، މުޖުތަމަޢުގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް މި މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެފައި ވެއެވެ.
މިއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަމާޒުކޮށްގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބާއްވާ މި ފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ. ސުދުފާ ފާހަގަކުރެއްވި ގޮތުގައި މި މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާނީ ކަމާ ގުޅުންހުރި ދާއިރާތަކުގެ ފަންނީ ބޭފުޅުންނެވެ.