18 އޭޕްރީލް 2025 ވީ ހުކުރު ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން އޭނާއަށް އިންސާފު ހޯދުމަށް ޒުވާނުން ކުރަމުންދާ އިހުތިޖާޖުގައި ބައިވެރިވެ އިދިކޮޅު އެމްޑީޕީން ސިޔާސީ މަންފާ ނަގަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ، ޒުވާނުން ސިލްސިލާ ގޮތެއްގައި އަންނަނީ އިހުތިޖާޖު ވެސް ކުރަމުންނެވެ.
މި އިހުތިޖާޖަށް ހުރަސް ނޭޅުމަށް ސަރުކާރުން ނިންމާފައިވާއިރު، އިދިކޮޅު އެމްޑީޕީގެ އިސްކޮށް އުޅުއްވާ ބައެއް އެކްޓިވިސްޓުން ފިތުނަ އުފައްދައި މި އިހުތިޖާޖުތަކުން ސިޔާސީ މަންފާ ހާސިލް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ޕޯސްޓުތައް ދައުރުވަމުންނެވެ.
މި ޕޯސްޓުތަކާއި ގުޅިގެން މެމްބަރު ޝުޖާއު ކުރި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަދެއްޖެ ތަނެއް ފަސާދަ ކުރާނެ ކަމަށާއި ޒުވާނުން ސުލްހަވެރިކަމާއެކު ކުރަމުންދާ މުޒާހަރާގެ ބޭނުން ހިފައި އިދިކޮޅުން މަންފާ ހޯދަމުންދާ ކަމަށެވެ.
މިއިހްތިޖާޖް ރާވާ ހިންގާ ޒުވާނުން މިކަމަށް ސަމާލުވުމަށް މެމްބަރު ޝުޖާއު ވަނީ އެދިވަޑައިގެންފައެވެ.
މިމަހުގެ 18ވަނަ ދުވަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
މިމައްސަލާގައި އޭނާއާ އެކު އެ ވަގުތު އުޅުނު ކަމަށް ބެލެވޭ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21) ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.



