ހޯމަ, ޖޫން 16, 2025
spot_img
- Advertisement -spot_img

ދިވެހި ފުލުހުންގެ ޤާބިލުކަން އިތުރުކޮށް ހަރުދަނާ ކުރުމަށް މިސަރުކާރުން ހާއްސަ އިސްކަމެއްދޭނެ: ރައީސް

ދިވެހި ފުލުހުންގެ ޤާބިލުކަން އިތުރުކޮށް ހަރުދަނާ ކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ފުލުހުންގެ އިސްވެރިންނާއި، އޮފިޝަލުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވެވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަނީ ދިވެހި ފުލުހުންގެ ޤާބިލުކަން އިތުރުކޮށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ވަޞީލަތުގެ ގޮތުންނާއި އުމްރާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ޤައުމުގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ފުލުހުންގެ ފުރިހަމަ ޚިދުމަތް ރައްޔިތުނަށް ދެވޭނެ މަގު ފަހިކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

”އިރާދަކުރެއްވިއްޔާ މިއަހަރު ނިމޭއިރުގައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ރަނގަޅު ފެންވަރުގައި ދެވޭނެ ގޮތް ހަމަޖެހިގެންދާނެ“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެއާއެކު މި ސަރުކާރު އައި ހިސާބުން ފެށިގެން ތިން އަހަރަށް ބަހާލައިގެން 110 ރަށުގައި ދިވެހި ފުލުހުން ޚިދުމަތްދެވޭ އަމިއްލަ މަރުކަޒުތައް ޤާއިމުކުރެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިސަރުކާރުން ފުލުހުންނަށް ބޭނުންވާ ތަމްރީނު ދިނުމަށާއި ބޭނުންވާ އެހެނިހެން ކަންކަން ކޮށްދިނުމަށްވެސް ވަރަށް އިސްކަންދެއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެމަނިކުފާނަށް ”އޮނަރ ގަރޑް“ އެއް ވަނީ އަރުވާފައެވެ. އަދި މި ޖަލްސާގައި އެމަނިކުފާނު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯއްދަވައިދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް