- Advertisement -spot_img

ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ މިންވަރަށް އެއިތުބާރު ޤާއިމުކުރުމަށް، މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ މިންވަރަށް އިތުބާރު ޤާއިމުކުރުމުގައި މަޢުލޫމާތު ޙިއްޞާކުރާ މިންވަރު ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށާއި، ރައްޔިތުންނަށް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި، އަވަހަށް މަޢުލޫމާތު ޙިއްޞާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި، ފުލުހުންގެ އިސްވެރިންނާއި، އޮފިޝަލުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވެވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވީ މައްސަލައެއް ބަލަން ފަށާ ހިސާބުން ފުރަތަމަވެސް ރައްޔިތުންނަށް އެ މަޢުލޫމާތެއް ޙިއްޞާކުރުމަށެވެ. އަދި ދެފުށް ފެންނަ ގޮތެއްގައި މަޢުލޫމާތު ގެނަސްދިނުމުން ރައްޔިތުންނަށްވެސް ހިތްހަމަޖެހުން ލިބިގެންދާނެކަމަށާއި، ފުލުހުންނަށްވެސް ހިތްހަމަޖެހުން ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިކަމުގެ ސަބަބުން ފުލުހުންގެ ޒިންމާދާރު މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށާއި، ސިޔާސީ ބޭނުންތަކަށާއި އެކިއެކި ބޭނުންތަކަށް ނަހަމަ މަޢުލޫމާތު ފެތުރުންވެސް ދުރުކުރެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު ރައްޔިތުންނާ ގާތްކޮށް މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރޭގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެމަނިކުފާނަށް ”އޮނަރ ގަރޑް“ އެއް ވަނީ އަރުވާފައެވެ. އަދި މި ޖަލްސާގައި އެމަނިކުފާނު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯއްދަވައިދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް